ސްމޯލިން އަދި ޖޯންސްއަށް އަނިޔާވުމުން މޮރީނިއޯ ރުޅިގަދަވެއްޖެ

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ: އަންނަ ހޮނިހިރު ދުވަހުގެ ލީގު މެޗަށް ނުކުންނައިރު، ޔުނައިޓެޑަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި --- ފޮޓޯ/ އޭޕީ

ގައުމީ ޓީމު ތަމްސީލްކުރަނިކޮށް، އިނގިރޭސި ދެ ޑިފެންޑަރުން ކަމަށްވާ ކްރިސް ސްމޯލިން އަދި ފިލް ޖޯންސްއަށް އަނިޔާވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ރުޅިގަދަވެއްޖެއެވެ.

ޖަރުމަނާ ދެކޮޅަށް އިނގިރޭސި ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުގައި ސްމޯލިންގެ ފަޔަށް އަނިޔާވިއިރު، ޖޯންސްއަށް އަނިޔާވެފައިވަނީ ގައުމީ ޓީމުގެ ފަރިތަކުރުމެއްގައެވެ.

ސްމޯލިންއާއި ޖޯންސްއަށް އަނިޔާވުމުން މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑަށް ބޮޑު އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ ހޮނިހިރު ދުވަހު ވެސްޓް ބްރޮމްއާ ދެކޮޅަށް ނުކުންނައިރު، ޔުނައިޓެޑްގެ އެންޑާ ހެރޭރާ އަދި ޒްލަޓަން އިބްރަހިމޮވިޗަށް ވަނީ ސަސްޕެންޝަނާ ކުރިމަތިލާން ޖެހިފައެވެ. އަދި ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް ހުރީ އަނިޔާގައެވެ.

މޮރީނިއޯ ބުނީ، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކާ އޭނާ ދެކޮޅު ކަމަށާއި އެކުވެރިކަމުގެ މެޗުތައް މުހިންމުވާ ވަކި ވަގުތުތަކެއް އަންނާނެ ކަމަށެވެ. އަދި އެ ވަގުތަކީ މިހާރު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ކުޅުމާ މުޅިން ދެކޮޅު. ޔޫރޯއާ ކުރިމަތިލާން ކައިރިވެފައި އޮއްވާ ނުވަތަ ވޯލްޑް ކަޕާ ކައިރިވެފައި އޮތް ނަމަ، އެކުވެރިކަމުގެ މެޗުތައް މުހިންމު. އެކަމަކު ސީޒަންގެ މެދުތެރެއިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަކީ ބޭކާރު ކަމެއް،" އޭނާ ބުންޏެވެ.

މޮރީނިއޯ ބުނީ، ގައުމީ ޓީމުތައް ތަމްސީލްކުރުމަށް ދިޔަ ކުޅުންތެރިންނަށް ކުރިއަށްއޮތް މެޗަށް ތައްޔާރުވުމަށް އަރާމުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށާއި ޓީމުގެ ފަރިތަކުރުންތަކުގައި ވެސް އެ ކުޅުންތެރިންނަށް ބައިވެރިވެވޭނީ ވަރަށް ފަހުން ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑް ނުކުންނަ ވެސްޓް ބްރޮމްގައި ގައުމީ ޓީމު ތަމްސީލުކުރަނީ އެންމެ ކުޅުންތެރިއެއް ކަން ވެސް އޭނާ ފާހަގަކުރިއެވެ. ޔުނައިޓެޑްގެ 13 ކުޅުންތެރިޔަކު ގައުމީ ޓީމަށް ކުޅެމުންދެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮތް ޔުނައިޓެޑް ވަނީ ބަލިނުވެ 18 ލީގު މެޗު ހަމަކޮށްފައެވެ. ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ލިވަޕޫލް ކުރީގައި އޮތް ނަމަވެސް، އެޓީމު ވަނީ ޔުނައިޓެޑަށްވުރެ ދެ މެޗު އިތުރަށް ކުޅެފައެވެ.

comment ކޮމެންޓް