ފުލުސް އޮފީހަށް ހާޒިރުކުރީ ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި: ގާސިމް

ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު، އިދިކޮޅު ފަރާތްތާއެކު ގާސިމް ހިންގަވާފައި ވަޑައިގެންނެވީ މ. ކުނޫޒަށް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ތިން ގަޑިއިރަށް ވުރެ ގިނަ ވަގުތު މިރޭ ފުލުސް އޮފީހުގައި ހޭދަކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާ މަޖިލިސް މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމަށް ތުހުމަތު ކުރަނީ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށެވެ.

ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި އޭނާ އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގަތުމަށް ކަމަށެވެ. އަދި ގުޅިވަޑައިގެންފި ނަމަ ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދޭނެ ކަމަށް ޖަލްސާގައި ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދައިން ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ދެކޭ ނަމަ އެފަދަ ބަޔަކު އެގޮތަށް ދެކެންވީ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

"މާނައެއް ނެތް ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނު. އަޅުގަނޑު ދައްކާފައި އޮތް ވާހަކައިގެ އެއްވެސް ކަހަލަ ރިޝްވަތު ދޭނެ ނުވަތަ ނުފޫޒު ފޯރުވަފާނެ މިންވަރެއް ގާނޫނީ ހުދޫދުގެ ތެރެއިން ވިސްނާއިރު ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ތަހުގީގު ކުރިއަށްދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ގާނޫނީ ވަކީލުންނާ ވާހަކަދައްކަން ބޭނުންވާ ވަގުތު ފުލުހުން ދީފައިވާ ކަމަށެވެ.

ސިޔާސީ ކަންތައްތަކުގައި އުޅޭއިރު މިކަހަލަ މައްސަލަތަކާ ދިމާވާނެ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހުގެތެރޭގައި އުޅޭއިރު މިކަލަ ރާޅު ރާޅާއި ބާނިގަނޑާ ވެސް ދިމާވާނެ އެކި ގޮތްގޮތަށް އަންނާނެ ނޯތު ރޯޅި އާއި ރަނގަޅު ރޯޅި އާއި ހުރިހާ ފަރާތަކުން ވެސް ދިމާވާނެ. އެއީކީ ދެން މައްސަލައެއް ނޫނެއްނޫންތޯ،" ގާސިމް ވިދާޅުވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވިދާޅުވީ އެ މައްސަލަ ނިމުނީ ކަމަށާއި ދެން އެ މައްސަލާގައި ހާޒިރުކުރަން ނުޖެހޭނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

ވައްޑޭ ވިދާޅުވީ ސާބިތުކަމާ އެކު ރައްޔިތުންނާ އެކު ގާސިމް ހުންނެވިކަން ފުލުހުންނަށް ވެސް މިރޭ އެނގިއްޖެ ކަމަށެވެ.

ތަހުގީގުން ކުރި ސުވާލުތަކަށް ކެރިވަޑައިގެން ވަރަށް ސާބިތުކަމާއެކު ގާސިމް ޖަވާބުދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް