ފައި އުފުލައިގެން ވޯޓު ނެގިޔަސް، ދެން ކާމިޔާބު ކުރާނަން: އިބޫ

މާޗް 23، 2017،ގައި މަޖިލީހުގެ ޖަލްސާ ދޫކޮށްލުމަށް އިދިކޮޅު ސަޕޯޓަރުންނާއެކު އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު، އަތާއި ފައި އުފުލައިގެން ނަގަން ޖެހުނަސް ކާމިޔާބު ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން "ރޯލް ކޯލް" އުސޫލުން މިދިޔަ ހޯމަ ދުވަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓު ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރީ 48 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ ވޯޓު ނަގާފައި ވަނީ އިދިކޮޅު 13 މެމްބަރެއްގެ ނަން އިއްވައި، ސިފައިން ވައްދައިގެން ބައެއް މެމްބަރުން މަޖިލީހުން ނެރުމަށް ފަހު އެވެ. އިދިކޮޅު ފަރާތްތަކުން އެ ވޯޓުގައި ބައިވެރިނުވެ، މަޖިލިސް ދޫކޮށް ދިޔައީ ރޯލް ކޯލު އުސޫލުން ވޯޓަށް ނޭހޭނެ ކަމަށް ބުނެ އެވެ.

ގާސިމް މިރޭ ފުލުހަށް ހާޒިރު ކުރުމުން، އެ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަސީހާ ދެކޮޅަށް ދެން ހުށަހަޅާ ވޯޓުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެން އިރާދަކުރެއްވިއްޔާ މަޖިލީހަށް ވަންނާނީ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން. ކޮންމެ ގޮތަކަށް ވޯޓު ނެގިޔަސް، އަތް އުފުލައިގެން ވިޔަސް، ފައި އުފުލައިގެން ކަމަށް ވިޔަސް އެ ނަގާ ވޯޓެއްގައި ކާމިޔާބުވާ ވަރަށް މަސައްކަތްކޮށްގެން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ހޯމަ ދުވަހު ވެސް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހާޒިރުވީ ވޯޓު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު ކަމަށާއި އެ ވޯޓު ކާމިޔާބު ނުވީ ސިފައިން މަޖިލީހުގެ ތަޅުމަށް ވައްދައިގެން ހިންގި ކަންތައްތަކުގެ ސަބަބުން ކަމަށެވެ. އަދި އެ ދުވަހު ނެގި ވޯޓުގެ ނަތީޖާ ރައްޔިތުން ގަބޫލުނުކުރާ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މި ސަރުކާރާ މެދު ޖެހިލުންވާ އެއްވެސް ކަމެއް ނެތް ކަމަށާއި އިދިކޮޅު އެންމެން ނުކުމެ ތިބީ ކެރިގެން ފާޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑުމެން ބިރެއް ވެސް ނުގަނޭ ސަރުކާރު ދެކެ،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރާ ކުރުމާ ގުޅޭ ގޮތުން އިބޫ ވިދާޅުވީ އެހެން އިދިކޮޅު ލީޑަރުންނެކޭ އެއްފަދައިން އޭނާ ކޮންމެ ތަނަކަށް ހާޒިރުކޮށް ކޮންމެ ސުވާލެއް ކުރިޔަސް ސާބިތުކަމާއެކު އެ ސުވާލަށް ޖަވާބުދެއްވާނެ ކަމަށެވެ. އަދި އެގޮތަށް މުއައްސަސާތަކަށް ހާޒިރުކުރިޔަސް އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ނުލެވެނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް