މަސީހުގެ ވޯޓާ މެދު އިނގިރޭސި ވިލާތުން ވެސް ކަންބޮޑުވުންފާޅުކޮށްފި

މާޗް 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ދިޔައިރު، އިދިކޮޅު އިއްތިހާދުން މަޖިލިސް ތެރޭގައި އިހުތިޖާޖްކުރުން

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ނެގި ޖަލްސާއާ ގުޅިގެން އިނގިރޭސި ވިލާތުން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޮލޮމްބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހޯމަ ދުވަހު މަޖިލީހުގައި ނެގި ވޯޓާ ގުޅިގެން އެ ދުވަހުގެ ޖަލްސާގައި ކަންކަން ހިނގާފައި ވަނީ އާންމު އުސޫލުން ނޫން ކަމަށާއި، އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އިނގިރޭސި ވިލާތުން ގަބޫލުކުރަނީ ދުޅަހެޔޮ ޑިމޮކްރަސީއެއްގައި ގާނޫނު ހަދާ މަޖިލީހުގެ ކަންކަން ހިނގަން ޖެހޭނީ އެންމެންނަށް ހުޅުވާލެވިގެން، ދެފުށް ފެންނަ ގޮތަކަށް ކަމަށް،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އެކި ފަރާތްތަކަށް ބިރުދެއްކުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މީޑިއާ އަދި މަދަނީ ޖަމިއްޔާތަކަށް އެކިއެކި ހުރަސްތައް އަޅަމުންދާ ކަމަށެވެ.

"ގާނޫނު ހަދާ މަޖިލީހުގެ އިޖުރާއަތްތަކަށް އިހުތިރާމުކޮށް، ޚިޔާލު ފާޅުކުރުމާއި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގުތައް ރާއްޖޭގައި އިއާދަކުރުމަށް ސަރުކާރަށް ގޮވާލަން،" އިނގިރޭސިވިލާތުގެ ބަޔާނުގައިވެ އެވެ.

ހޯމަ ދުވަހުގެ މަޖިލީސް ޖަލްސާ ބެލުމަށް މަޖިލީހަށް އާންމުން ވަނުމުގެ ފުރުސަތު އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް ރޯލް ކޯލްކޮށް ވޯޓު ނެގި އާންމުކޮށް ޓީވީތަކުން ލައިވް ކުރި އެވެ.

އެމެރިކާ ސަރުކާރުން ވެސް އިއްޔެ ވަނީ ބަޔާނެއް ނެރެ، ހޯމަ ދުވަހު މަޖިލީހުގައި ނެގި ވޯޓަކީ އުސޫލީ އިޖުރާއަތްތަކާ ޚިލާފު ވޯޓެއް ކަމަށް ބުނެފަ އެވެ.

އެމެރިކާއަށް ރައްދު ދެމުން ދިވެހި ސަރުކާރުން އިއްޔެ ބުނީ، މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ވޯޓު އިއްޔެ ނަގާފައި ވަނީ "މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ" ގޮތަށް ކަމަށެވެ.

comment ކޮމެންޓް