"ވިޝްކާ" އަންނަ ހަފްތާ ބަންދުގައި ހައްދުންމައްޗަށް!

"ވިޝްކާ"ގެ ޕޯސްޓަރެއް: އަންނަ ހަފްތާ ބަންދުގައި މި ފިލްމު އެޅުވުމަށް ހަމަޖައްސާފައި ވަނީ ހައްދުންމަތީގައި ----

ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން މިއަހަރުގެ އަންހެނުންގެ ދުވަހު ރިލީޒްކުރި، އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށްްފައިވާ ފިލްމު، "ވިޝްކާ" އަންނަ ހަފްތާ ބަނދުގައި ލ. އަތޮޅުގައި އަޅުވާނެ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

"ސަން" އާ ވާހަކަ ފިލްމުގެ ޕްރޮޑިއުސަރު އަދި ލީޑު ރޯލުން ފެނިގެން ގޮސްފައިވާ ރިޝްމީ ބުނީ، އެ ފިލްމަށް މާލެއާއި އަތޮޅު ތެރެއިން ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އަންނަ ހަޕްތާ ބަނދުގައި ހައްދުންމަތީގައި ފިލްމު އަޅުވަން ދިޔުމަށް ފުރަން ތައްޔާރު ވަމުންދާ ކަމަށެވެ.

"ވިޝްކާ" ގެ ޕޯސްޓަރެއް----

މާދަމާ ރޭ "ވިޝްކާ" އަޅުވާނީ ލ. ގަމު ޔޫތު ސެންޓަރުގައި ކަމަށާއި އަދި އަންނަ ހުކުރު ދުވަހުގެ ރޭ އެ އަތޮޅު ދަނބިދޫގައި ފިލްމުއަޅުވަން ހަމަޖެހިފައިވާއިރު ޓިކެޓް މިހާރު ލިބެން ހުންނާނެކަމަށް ރިޝްމީ ބުންޏެވެ. އެގޮތުން ގަމުން ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކުން 9899996 އަށް ގުޅައިގެން އެކަން ހަމަޖެހޭނެ ކަމަށާއި ދަނބިދޫން ޓިކެޓް ގަންނަން ބޭނުންވާ ފަރާތްތަކުން 7833502 ގުޅުމަށް ވެސް ރިޝްމީ ބުންޏެވެ.

" މި ފިލްމަށް ހީނުކުރާ ވަރުގެ ތަރުހީބެއް އެބަ ލިބޭ. ވަރަށް ތަރުހީބޮ ބޮޑު. އަދިވެސް އެބަހުރި ހަމަ ބައެއް އަތޮޅުތައް،" ރިޝްމީ ބުންޏެވެ.

"ވިޝްކާ" ލ. އަތޮޅުގައި އަޅުވަން ދަނީ ރިޝްމީގެ އިތުރުން ފިލްމުގައި ނުރައްކާތެރި މޫނެއްގެ ގޮތުގައި ފެނިގެންދާ ނަދީހު އެވެ.

"ވިޝްކާ" ގެ ޓްރެއިލާ އެއް---

މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޝްވެކް ސިނަމާގައި "ވިޝްކާ" ދައްކަމުން އަންނަ އިރު މިހާރު ދައްކަނީ ފިލްމުގެ ވަދާޢީ ޝޯތައް ކަމަށާއި މިހާރު ކޮންމެ ދުވަހަކު އެއް ޝޯ ދައްކަމުން އަންނަ ކަމަށް ވެސް ރިޝްމީ ބުންޏެވެ. ފިލްމުގެ އެންމެ ފަހު ވަދާޢީ ޝޯ އޮންނާނީ ފަހެއް އެޕްރީލް ވާ ބުދަ ދުވަހު އެވެ.

" މާލޭގެ ވަދާޢީ ޝޯ ތައް މިހާރު މިދައްކަނީ. މިކޮޅުންވެސް ވަރަށް ތަރުހީބޮ ބޮޑު،" އޭނާ ބުންޏެވެ.

ރިޝްމީ ބުނީ، ލ. އަތޮޅުގައި ފިލްމު ދެއްކުމަށްފަހު ދެން "ވިޝްކާ" އަޅުވަން ހަމަޖެހިފައިވަނީ އއ. އަތޮޅުގައި ކަމަށެވެ. އަދި ބައެއް ރިސޯޓް ތަކުގައާއި އެހެން އަތޮޅުތަކުގައި ފިލްމު އަޅުވަން ބޭނުން ވެގެން ގުޅަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ޝައުގު ވެރިވާ ފަރާތްތަކުން "ވިޝްކާ"ގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރަމުން ގެންދިޔުމަށް ވެސް ރިޝްމީ ބުންޏެވެ.

ރަވީ ފާރޫގް އެކްޓް ކޮށް ޑައިރެކްޓް ވެސް ކޮށްފައިވާ "ވީޝްކާ" އަކީ ކްރައިމް ތްރިލާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް