މިފަހަރު ޝާހު އާއި އަކްޝޭގެ ކުރިމަތިލުމެއް!

މި އަހަރު ރިލީޒް ކުރި ޝާހުރުކް ޚާންގެ 'ރައީސް' އަދި ރިތިކް ރޯޝަންގެ 'ކާބިލް' ގެ ކުރިމަތިލުމަށް ފަހު، ޝާހު އާއި އަކްޝޭ ކުމާރު އަނެއްކާ ވެސް ބޮކްސްއޮފީހުގައި ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ.

އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް، ޝާހު އަދި އަކްޝޭގެ ވެސް ފިލްމެއް ބެލުންތެރިންނާ ހަމައަށް އައުމަށް މިވަނީ ހަމަޖެހިފައެވެ.

އަކްޝޭގެ 'ޓޮއިލެޓް އެކް ޕްރޭމް ކަތާ' އާއި އިމްތިއާޒް އަލީ ޑައިރެކްޓުކޮށް ޝާހު ލީޑު ރޯލުން ފެނިގެންދާ ފިލްމު އެކީގައި ރިލީޒް ކުރަން ހަމަޖެހިފައި ވާއިރު، ބޮކްސްއޮފީހުގައި ކުރި ހޯދާނެ ފިލްމަކާ ގުޅޭގޮތުން މިހާރު ވެސް ވަނީ ބަހުސް ފެށިފައެވެ.

އަކްޝޭގެ ފިލްމަކީ ވަރަށް ކުޑަ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ނަމަވެސް ޝާހުގެ ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ނަން އަދި ހާމަކޮށްފަ އެއް ނުވެ އެވެ.

މިދިޔަ އަހަރު އަކްޝޭ އަދި ރިތިކް ވެސް ވަނީ އެކުއެކީގައި ފިލްމު ރިލީޒް ކޮށްފައެވެ. ބޮޑު ބަޖެޓަކުން އުފެއްދި ރިތިކްގެ 'މޮހެންޖޯ ދާރޯ' ނާކާމިޔާބުވި ނަމަވެސް، ކުޑަ ބަޖެޓަކުން އުފެއްދި އަކްޝޭގެ 'ރުސްތަމް' ހިމެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފިިލްމުތަކުގެ ތެރޭގައެވެ.

ޝާހު އަދި އަކްޝޭގެ ކުރިމަތިލުން ބުރަ ވާނީ ކޮން ކޮޅަކަށް ކަން ލަފާކޮށްލެވޭނީ ފިލްމުގެ ޓްރެއިލަރ ރިލީޒް ކުރުމުންނެވެ. ދެ ފިލްމުގެ ޓްރެއިލަރ ވެސް ރިލީޒް ކުރާނީ އަންނަ ޖޫން މަހު އެވެ.

ޝާހު އާއި އަކްޝޭ މިހާރު ދެފަހަރަކު ބޮކްސްއޮފީހުގައި ކުރިމަތިލުމަކަށް ގޮސްފައި ވާއިރު، ދެ ފަހަރު ވެސް ކުރި ލިބިފައި ވަނީ ޝާހު އަށެވެ.

comment ކޮމެންޓް