މަޑުއްވަރިން ކަރަންޓް ކެނޑޭތީ އެ ރަށު މީހުން ކަންބޮޑުވެއްޖެ

ރ. މަޑުއްވަރި: އެރަށުން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި -- ފައިލް ފޮޓޯ

ރ. މަޑުއްވަރީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލަ ދިމާވެ، އެރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ އެވެ.

މަޑުއްވަރި ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހީމް ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވަނީ އެ ރަށު އިންޖީނުގޭގައި ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއް ހަލާކުވެފައި ވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 އިން ފެށިގެން މެންދުރު 12 ޖެހި އިރު ވެސް ކަރަންޓު ނުލިބޭ ކަމަށެވެ. އެކަމާ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވާތީ ކައުންސިލުން ފެނަކައިގެ އިސްވެރިންނާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު މިދިޔަ މަހު ފެނަކައިގެ އެންމެ އިސް ވެރިޔާއާ ބައްދަލުކުރިން. ބައްދަލުކޮށް އަޅުގަނޑުމެންގެ ކަންބޮޑުވުން ހިއްސާކުރިން. އެބޭފުޅުން ވިދާޅުވީ ކުރިއަށް އޮތް 30 ދުވަސްތެރޭ އާ ޖަނަރޭޓަރެއް ލިބޭނެ ކަމަށް. ނަމަވެސް 30 ފަހަނައަޅާ ދިޔައިރު އަދި އެއްވެސް ހަބަރެއް ނުވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ދެގަޑިއިރުން ރަށުގެ އެކި ސަރަހައްދުތަކަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. ގިނަ ވަގުތުތަކަކަށް އެރަށުން ކަރަންޓު ކެނޑޭ ކަމަށާއި އިއްޔެ ވެސް ހަވީރު 4:00 ހާއިރު ކަރަންޓު ދިޔަގޮތަށް ކަރަންޓު ލިބުނީ އިރުއޮއްސި 7:00 ހާއިރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި މަޑުއްވަރީގައި މަސައްކަތް ކުރައްވާ ފެނަކައިގެ މެނޭޖަރަށް ފޯނުން ގުޅުމުން ވިދާޅުވީ "މިވަގުތު ދަތުރެއްގައި" ކަމަށެވެ. ނަމަވެސް ފަހުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ވެސް ލިބޭގޮތެއް ނުވި އެވެ.

comment ކޮމެންޓް