މަޖިލީހަށް ކޮންމެ ގަޑިއަކު ވަނުމުގެ ގާނޫނީ ބާރު ޗީޕް އޮފް ޑިފެންސް ފޯސްއަށް ލިބިގެން ވޭ: އެމްއެންޑީއެފް

ސިފައިންގެ 12ވަނަ ހެވިކަމުގެ މުބާރަތް ނިންމުމުގެ ގޮތުން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް(ވ) -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް) އިން ސަލާމަތީ ކަންކަން ބަލަހައްޓާ ކޮންމެ ތަނަކަށް ކޮންމެ ގަޑިއަކު ވެސް ވަނުމުގެ ފުރިހަމަ ގާނޫނީ ބާރުު ޗީޕް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމަށް ލިބިގެންވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ޝިޔާމް މަޖިލީހުގެ ގޯތިތެރެއިން ނިކުންނަނިކޮށް ފެނިފައިވާ ކަމަށް ބުނެ އޭނާއަށް ތުހްމަތުތަކެއް ކުރަމުންނެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ގެއާއި، އެގޭގެ ގޯތި ތެރޭއާއި މަޖިލީހުގެ ދަށުން ހިނގާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ބާރު ގާނުނުގެ ތެރެއިން ވަނީ އެމްއެންޑީއެފްއަށް މަތިކޮށްފައި ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ ސެކިއުރިޓީ ބެލެހުއްޓުމުގައި ކަންކުރަންވީ ގޮތާއި ސިފައިންގެ ދައުރު އަދާކުރުމުގައި ކަންކުރަންވީގޮތުގެ އަމުރުތައް ނެރޭފަރާތަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތަކަށް ވީހިނދު އެ ތަންތަނަށް ކޮންމެ ގަޑިއަކު ވަނުމުގެ ބާރު އެ މަގާމުގައި ހުންނަ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.

"ކަންއޮންނަ ގޮތް ނޭންގޭ ފަރާތްތަކުން ސޯޝަލް މީޑިއާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޝިޔާމް އާ ގުޅޭގޮތުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއްނެތް ހަބަރެއްކަމުުގައި ދިވެހި ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ސިސްޓަމްތަކަށް މައްސަލަ ދިމާވެ ކަމަށްބުނެ އިއްޔެ މަޖިލީހުގައި ނެގުމަށް ހަމަޖެހިފައިވާ އަބްދުﷲ މަސީހު އަހުމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓްނެގީ ވަކިވަކިން ކޮންމެ މެމްބަރަކު، އެ މެމްބަރަކަށް ފެންނަ ގޮތް ހާމަކޮށްގެންނެވެ.

comment ކޮމެންޓް