ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގެ ވޯޓަށް އަހާނެ ގޮތާއި މެދު ނެގި ވޯޓުގައި އޮޅުވާލި މައްސަލަ ބެލުމުން ސީސީޓީވީ ފުޓޭޖް ބަލައި އެ ވީޑިއޯތައް އާންމުކުރާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.
އެ ވޯޓް ކުރިއަށްދިޔަ ވަގުތު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި ޖަލުގައި ހުންނެވި އަހުމަދު މަހުލޫފް އަދި ވޯޓުގައި ބައިވެރިނުވާ އަހުމަދު މަރުޒޫގުގެ ނަމުގައި ވަނީ ވޯޓްލާފައެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް މޫސަ ވިދާޅުވީ މަޖިލީހުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުން އެކަން ކުރި ފަރާތްތައް އެނގިގެންދާނެ ކަމަށާއި އެއަށްފަހު އެ ވީޑިއޯތައް އާންމު ކުރާނެ ކަމަށެވެ.
އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މަޖިލިސް ތެރޭގައި މެމްބަރުން އިހުތިޖާޖު ކުރަނީ ----
"އަޅުގަނޑުމެންގެ މިފަދަ މައްސަލަ ބެލުމަށް އާންމު ކޮމެޓީ އާއި ސުލޫކީ ކޮމެޓީ ފަދަ ކޮމެޓީތައް އެބައޮތް، އެގޮތުން މައްސަލަ ބަލާނެ،" މޫސަ ވިދާޅުވިއެވެ.
އެފަދަ އަމަލުތައް ކުރާ މެމްބަރުންގެ އިނާއަތް ކަނޑާލުމާއި ދަތުރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުން ފަދަ ފިޔަވަޅުތައް މެމްބަރުންނާއި ދޭތެރޭގައި އެޅެއެވެ.
މައްސަލަ ޖެހުނު ވޯޓުގައި ފާސްވެފައި ވަނީ ވަކިވަކި މެމްބަރުންނާއި ސުވާލުކޮށްގެން މަޖިލީހުގެ ރައީސްގެ އިތުބާރު އޮތް ކަމަށް ފެނޭތޯ ބެލުމަށެވެ. އެގޮތަށް ވޯޓު ނަގައި 48 މެމްބަރުން ވޯޓު ދީގެން ފާސްކުރީ މަސީހުގެ އިތުބާރު އޮތް ކަމަށެވެ. އެ ވޯޓުގައި އިތުކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.