ސްވައިން ފުލޫ ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

އިންފުލުއެންޒާ ވެކްސިން: ހުއްދަ ނެތި އެވެކްސިން އެތެރެނުކުރަން ވަނީ އަންގާފަ---

ސްވައިން ފުލޫ ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ އެވެ. އައިޖީއެމްއެޗުން މިއަދު ބުނީ ރ. އުނގޫފާރުން ގެނައި 80 އަހަރުގެ ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނިޔާވެފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުން ބުނީ އެމީހާއަކީ ކަށީގައި ރެނދުލުމުގެ މައްސަލައެއްގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި ސްވައިިން ފުލޫ އަށް ޕޮޒިޓިވްވިކަން އެނގުނީ ކުރިން ހެދި ޓެސްޓްތަކުގެ ނަތީޖާ އިއްޔެ ލިބުމުން ކަމަށެވެ.

ސްވައިން ފުލޫގައި މަރުވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.

ރ. އަތޮޅުން ގެނައި މީހާގެ އިތުރަށް އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ 29 އަހަރުގެ މާބަނޑު މީހަކު ވެސް ބުރާސްފަތި ދުވަހު ވަނީ ނިޔާވެފަ އެވެ.

އެޗުޕީއޭ އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 546 މީހަކު ވަނީ އެޗުވަންއެންވަން އަށް ޓެސްޓްކޮށްފަ އެވެ. އަދި އެ މީހުންގެ ތެރެއިން 199 މީހަކު ވަނީ އެ ރޯގާ އަށް ޕޮޒިޓިވްވެފަ އެވެ. އަދި 35 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، ވޭތުވެ ދިޔަ 48 ގަޑި އިރުގެ ތެރޭގައި 12 މީހަކު ވަނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅުތަކުންނާއި މާލެ އިން އިއްޔެ ވަނީ 1351 މީހަކު ރޯގާ އަށް ފަރުވާ ހޯދައިފަ އެވެ.

comment ކޮމެންޓް