ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓް ނެގުމަށް ނިހާނު ހުށަހަޅުއްވައިފި

މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލިސް ކުރާގެ ގޯތިތެރޭގައި ނިހާނުއާ އެކު ބައެއް މެމްބަރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަހުމަދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ނަގާ ވޯޓްގައި އިލެކްޓްރޯނިކް މެސީން ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން ވޯޓް ނެގުމަށް ވިލި މާފަނުން ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނު ހުސެން މަނިކު ހުށަހަޅުއްވައިފި އެވެ.

"ލިބިފައިހުރި މައުލޫމާތުގެ އަލީގައި އަޅުގަނޑުމެނަށް އެބަ ޝައްކުތައް އުފެދޭ އެންމެ ކުޑަ މިނުން މި ވޯޓް މެސިންތައް ބޭނުންކޮށްގެން މި ކުރަށް ގެންދިއުމުގައި ވެސް ކަންތައްތައް ކުރިއަށް ގެންދާނެ ކަން. އެ ސަބަބުތަކަށް ޓަކައި އަޅުގަނޑު ހުށަހަޅަން ވަކިވަކިން ސުވާލުކޮށްގެން ވޯޓަށް އެހުމަށް،" ނިހާނު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރުއޮތް ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓްގެ ޖަލްސާ މިއަދު ހެނދުނު 9:00ގައި ފަށާފައިވާ އިރު ފުރަތަމަ ކުރިއަށް ގެންދިޔައީ އެ މައްސަލަ މަޖިލީހަށް ހުށަހަޅެމެވެ. ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު އެ މައްސަލަ ހުށަހެޅުއްވީ މައިގަނޑު ހަތް ނުކުތާއެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

ފާރިސް ހުށަހެޅުއްވި އެ މައްސަލާގައި ޖަވާބު ދާރީވުމުގެ ގޮތުން މަސީހު ވިދާޅުވެފައި ވަނީ ހުށަހެޅިފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބުނާވެފައިވާ މައްސަލައެއް ނޫން ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކުމަށް އިތުރު މެމްބަރަކު ނެތުމުން މަޖިލިސް ވަނީ މެދުކަނޑާލައިފަ އެވެ. ދެން މަޖިލިސް ފެށޭނީ 1:30 ގަ އެވެ. އެއީ ވޯޓު ނެގުމަށް އޮންނަ ގަޑި އެވެ.

comment ކޮމެންޓް