ޞަޙާބިއްޔާތުންގެ ނަމޫނާ-2

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް---

ދީން ޤަބޫލުކުރެއްވުމާއި ދީންމަތީ ސާބިތުވެ ތިއްބެވުން

ޠަބީޢަތުގެ ނާޒުކުކަމާއި ހިތްމަޑުކަމާއި އަސަރުކުރުމަކީ ހެޔޮލަފާމީހުންގެ އަޞްލު ޖައުހަރެވެ. އިންސާނާއަށް ހުރިހާ ބާވަތެއްގެ މަގުދެއްކުމަކާއި، ވަޢުޡަކާއި ނަސޭހަތެއްގެ އަސަރު ފޯރަނީ އެސިފަތަކުގެ ޒަރީޢާއިންނެވެ. ޝައްކެއްނެތެވެ. ފަތިހުގެ ފިނިފިނި ވައިރޯޅީގެ ސަބަބުންވެސް މާމެލާމެލީގެ ފިޔަތައް ނަށާން ފަށައެވެ. ނަމަވެސް ޖުންޖުލައިގެ ގަދަވައިގެެ ކުރިމަތީގައިވެސް ވަރުގަދަ ބިޔަގަސްތައް ބޮލެއްނުލަނބައެވެ. ލޮލުގެ ނޫރުގެ އަލިކަން މޫނުބަލާ ލޯގަނޑުގެ ތެރެއިންވެސް ދަތުރުކުރެއެވެ. ނަމަވެސް އެކަތައިގެ ތީރުތަކުންވެސް ހިލަތަކުގެ މޭ ފޫއަޅުވައެއްނުލެވެއެވެ.

އިންސާނާގެވެސް ކަންތައް ހުންނަނީ ހަމަ މިފަދައިންނެވެ. ހިތްމަޑު އޯގާވެރި މިޒާޖުގެ މީހުން ޙައްޤުގެ މަގަށް ގޮވައިލެވޭ ކޮންމެ ގޮވައިލުމެއް ފަސޭހައިން ޤަބޫލުކުރެއެވެ. ނަމަވެސް ހަރުކަށި މިޒާޖުގެ ހިތްގަދަ މީހުންނަށް ބޮޑެތި މުޢުޖިޒާތައް ފެނުމުންވެސް އަސަރެއް ނުކުރެއެވެ. އިންސާނުންގެ ކިބައިގައި ހުންނަ މިތަފާތު ހުރިހާ މުޖްތަމަޢުތަކަކުންވެސް ފެންނާން ހުރެއެވެ. ޚާއްޞަކޮށް އިސްލާމީ ދަޢުވަތުގެ ތާރީޚުވަނީ މިބާވަތުގެ މިސާލުތަކުން ފުރިފައެވެ. އެތަކެއް ނަސޭހަތާއި ވިސްނައިދިނުމަކުންވެސް ތެދުމަގު ޤަބޫލުނުކުރި އަބާއްޖަވެރި ކާފަރުންގެ އެތައް ބައެއްގެ ނަން ތާރީޚުގައި އެނގެން އެބައޮތެވެ. ހަމައެފަދައިން ތައުޙީދުގެ ގޮވައިލެއްވުމުގެ އަޑު ހަމަ އިވިވަޑައިގަތުމާއެކު ލައްބައިކައޭ ވިދާޅުވެ އިޖާބަދެއްވި ޞަޙާބީންގެ އެތަކެއްހާސް ނަންފުޅުތަކެއްވެސް ވަނީ ތާރީޚުގެ ޞަފްޙާތަކުގެ ޒީނަތަކަށް ވެފައެވެ. ޞަޙާބީންނާއެކު ޞަޙާބިއްޔާތުންވެސް ވަނީ މިދެންނެވި މާތްކަމާއި ޝަރަފު އަތުލައްވައިފައެވެ. އެބޭކަނބަލުން ހަމައެކަނި ޞަޙާބީންނާ ބައިވެރިވެވަޑައިގެންނެވީކީ ނޫނެވެ. އަދިކީއްތޯއެވެ؟ އިސްލާމްދީން ޤަބޫލުކުރެއްވުމުގަިއ އިސްނަންގަވައި ކުރިޔަަށް ނިކުމެވަޑައިގަތުމުގެ ފަޚުރުވެސް ހޯއްދެވީއެވެ.

އިސްލާމީ ރިސާލަތުގެ އިރުގެ އެންމެ ފުރަތަމަ ދޯދިތައް ފާއްދައިލައި މައްކާގެ ވާދީތަކަށް އަލިކުރާން ފެށީ ހިތްޕުޅުމަޑު، ވިސްނުންފުޅުތޫނު، ބުއްދިވެރި، މާތް އަންހެން ސާހިބާއެއްގެ ހިތްޕުޅު ފާންކުރުމަށް ފަހުގައެވެ. އެހިތްޕުޅުގެ ތެރެއިން ލައިފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އިސްލާމްދީނުގެ ނަބިއްޔާގެ ރިސާލަތު އެންމެފުރަތަމަ ޤަބޫލުކުރައްވައި މާތްﷲގެ އެއްކައުވަންތަކަމަށް އެންމެ ފުރަތަމަ ހެކިވެވަޑައިގަތީ އަސްޙާބުބޭކަނބަލެކެވެ. އުއްމުލްމުއުމިނީން އައްސަައްޔިދާ ޚަދީޖާ އައްޠާހިރާ ރަޟިޔަﷲ ޢަންހާއެވެ.

ދީނަށްޓަކައި އަނިޔާއަށް ކެތްކުރެއްވުން

އިސްލާމީ ދައުވަތު ފެށުނުތާ ކުރީކޮޅުގައި އިސްލާމްދީން ޤަބޫލުކުރުމަށްވުރެވެސް ގަދަހިތްވަރަކާއި ފަންވަރަކާއި ޖެހިލުންކުޑަކަމަށް ބޭނުންވެފައި އޮތީ އިސްލާމްކަން ފާޅުކުރުމަށެވެ. ކާފަރުންގެ ހުރަސްއެޅުމާއި، އަނިޔާކުރުމާއި، އެއްޗެހިގޮވުމާއެކުވެސް ޞަޙާބީންނާ އެއްސަފެއްގައި ތިއްބަވައިގެން ޞަޙާބިއްޔާތުންވެސް ނުހަނު ގަދަ ހިިތްވަރުފުޅާއި ޢަޒުމުފުޅާއެކު އެބޭކަނބަލުންގެ އިސްލާމްކަން ފާޅުކުރައްވަމުން ގެންދެވިއެވެ. މުސްލިމުންކުރެ ހަތްވަނަޔަށް އިސްލާމްކަން ފާޅުކުރެއްވީ ނުހަނު ބަލިކަށިފުޅު ޞަޙާބީ ބޭކަނބަލެކެވެ. އާދެ، ޢައްމާރު ބިން ޔާސިރު ރަޟިޔަﷲ ޢަންހުގެ މައިކަނބަލުން އައްސައްޔިދާ ސުމައްޔާ ރަޟިޔަﷲ ޢަންހާއެވެ.

ކުރީންވެސް ދެންނެވި ފަދައިން ޞަޙާބީންނާއެކު ޞަޙާބިއްޔާއިންވެސް އިސްލާމްދީނަށްޓަކައި ހުރިހާ ބާވަތެއްގެ ދުއްތުރާތަކެއް ބަރުދާސް ކުރެއްވިއެވެ. ކުރިމަތިވި ހުރަސްތަކައި މުޞީބާތްތަކައި އަނިޔާތަކުން އެބޭކަނބަލުންގެ އީމާންކަންފުކެއްވެސް ކުޑައެއް ނުވެއެވެ.

އައްސައްޔިދާ ސުމައްޔާ އިސްލާމްވެވަޑައިގަތުމާއެކު މުޝްރިކުން އެކަމަނާއަށް އެކި ބާވަތްބާވަތުގެ އަނިޔާ ކުރާންފެށިއެވެ. މައްކާގެ ހޫނުގަދަ ހިލަބިމުގައި ދަގަނޑުދަހަނާ ތުރުކުރުވައިފައި އަވީގައި ބެހެއްޓިއެވެ. އެކިވައްތަރުގެ އަދަބުތައް ދެމުން ގެންދިޔައިރުވެސް އެކަމަނާގެ އިސްލާމްކަމަށް ގުޑުމެއް ނޭރުމުން އަބޫޖަހުލުގެ ގާތަށް އައިރުޅީގަިއ އެކަމަނާގެ "ގައިކޮޅަށް" ލޮންސިހަރައި ޝަހީދުކޮށްލިއެވެ. އިސްލާމްދީނަށްޓަކައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގަތުމުގެ ޝަަރަފް ލިބިވަޑައިގަތީ އެކަމަނާއަށެވެ. އެހެންކަމުން އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވުމާއި އިސްލާމްދީނަށްޓަކައި އެންމެ ފުރަތަމަ ފުރާނަފުޅު ޤުރްބާންކުރެއްވުމުގެ ޝަރަފް ހޯއްދަވައިފައި ވަނީ ޞަޙާބިއްޔާތުންނެވެ.

އުމަރު ރަޟިޔަﷲ ޢަންހު އަށް އެކަލޭގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ކޮއްކޯފުޅު އައްސައްޔިދާ ފާޠިމާ ބިންތި ޚައްޠާބު ރަޟިޔަﷲ ޢަންހާ އިސްލާމްވެވަޑައިގެންފިކަން އެނގިވަޑަިއގަތުމުން އެކަމާ ކޯފާ އިސްކުރައްވައި އެކަމަނާއަށް ވަރަށް ބޮޑަށް އަނިޔާކުރެއްވިއެވެ. ނަމަވެސް ފާޠިމާ އެކަމަނާގެ ދީންމަތީ ސާބިތުވެ އިންނެވިއެވެ. އެކަމަނާގެ ހަށިކޮޅު ލޭފޮދުން ފޯވުމުންވެސް ވިދާޅުވިއެވެ. ހައްދަވާނެގޮތެއް ހައްދަވާށެވެ. އަޅުގަނޑު އިސްލާމްދީނެއް ދުލެއް ނުކުރާނަމެވެ.

ހަމައެފަދައިން ޢުމަރުގެފާނު އިސްލާމްވެވަޑައިގަތުމުގެ ކުރިން ލުބައިނާ ރަޟިޔަﷲ ޢަންހާ އަށްވެސް އަނިޔާކުރެއްވިއެވެ. ޢުމަރުގެފާނު އެކަމަނާގެ ގައިކޮޅުގައި ތަޅުއްވަތަޅުއްވައި ވަރުބަލިފުޅުވުުމުން ހުއްޓައިލައްވައިފައި އުމަރުގެފާނު ވިިދާޅުވެއެވެ. އަހަރެން މިހުއްޓައިލީ ކަމަނާއާމެދު ހަމްދަރުދީވެގެނެއް ނޫނެވެ. އަހަރެން ވަރުބަލިވެގެންނެވެ. އެވަރަށް އަނިޔާކުރެއްވުމުންވެސް ލުބައިނާ ރަޟިޔަﷲ ޢަންހާ އިސްލާމްދީން ދޫކޮށެއްނުލެއްވިއެވެ. ޒިންނީރާ ރަޟިޔަﷲ ޢަންހާ އަކީ މަޚްޒޫމްވަންހައިގެ މީހުންގެ އަޅެކެވެ. އެކަމަނާއަށްވެސް ވަރަށް ބޮޑަށް އަނިޔާކުރެވުނެވެ. އެކަމަނާގެ ދެލޯފުޅުގެ ގޮބޮޅިފުޅު ލޯފުޅުގެ ލޮންޖާއެކު ކޯތާފަތްޕުޅު މައްޗަށް އޮހުނެވެ. އެވަރު ކުރިއިރުވެސް އެކަމަނާވެސް އިސްލާމްދީންމަތީ ސާބިތުވެ އިންނެވިއެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް އަންހެނުންނަކީ ކާބަފައިންގެ އާދަކާދަޔާއި އިޢުތިޤާދުތަކުގައި ވަރަށް ބޮޑަށް ހިފަހައްޓާ ބައެކެވެ. ޢަރަބީންގެ ތެރޭގައި އެތައް ޒަމާނަކުއްސުރެ އޮތީ ޝިރުކުގެ ޢަޤީދާތައް ބިންވަޅުނެގިފައެވެ. ނަމަވެސް ޞަޙާބިއްޔާތުން އިސްލާމްވެވަޑައިގަތުމާއެކު ޝިރުކުގެ ޢަޤީދާތަކާ ވަކިވެވަޑައިގެންނެވިއެވެ. ޖާހިލީ ޒަމާނުގެ ޢަރަބީންގެ ޢަޤީދާގައިވާގޮތުން ބުދުތަކަށް އެއްޗެހިގޮވުމަކީ އެކި ބާވަތްބާވަތުގެ ބަލިތައްޖެހޭ ކަމެކެވެ. އައްސައްޔިދާ ޒިންނީރާ އިސްލާމްވެވަޑައިގަތުމުން މުޝްރިކުންގެ ފަރާތުން ލިބިވަޑައިގަތް އަނިޔާގެ ސަބަބުން އެކަމަނާގެ ލޯފުޅުގެ ގޮބޮޅިފުޅު އޮހުމުން އެކަމާ ބެހޭގޮތުން މުޝްރިކުން ވާހަކަދައްކަން ފެށިއެވެ. ލާތަޢުއްޒާ ކަމަނާގެ ލޮލުގެ އަލިކަން ގެންދަވައިފިއެވެ. ޒިންނީރާ އެކަމާ ވަރުގަދަޔަކަށް އިންކާރު ކުރައްވައި ނުހަނު ހަރުދަނާކަމާއެކު މުޝްރިކުންނަށް ޖަވާބުދެއްވިއެވެ. "ލާތަޢުއްޒާއަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެތަކެއްޗަށް އަޅުކަންކުރަނީ ކޮންބައެއްކަންވެސް އެތަކެއްޗަކަށް ނޭނގެނެއެވެ."

އައްސައްޔިދާ އުންމު ޝަރީކު ރަޟިޔަﷲ ޢަންހާ އިސްލާމްވެވަޑައިގަތުމުން އެކަމަނާގެ ޢާއިލާގެ މީހުން މެންދުރުވަގުތު އެކަމަނާ އަތްވަށްނެރެ އަވީގައި ބެހެއްޓިއެވެ. އެބައިމީހުން އެކަމަނާ އަވީގައި ބަހައްޓައިގެން ފަރީއްކޮޅު އަރުވަނީ ރޮއްޓާއި މާމުއިފަދަ ހޫނު އެއްޗެއްސެވެ. އޭގެ ސަބަބުން އެކަމަނާ ފެންފޮދުހިއްޕަވާ ހިތްޕުޅުވުން އިތުރުވެއެވެ. އެމުޞީބާތުގައި ތިންދުވަސް ވަންދެން ބެހެއްޓުމަށްފަހު އެއަނިޔާވެރީން އެކަމަނާގެ އަރިހުގަިއ ދެންނެވިއެވެ. "ކަމަނާ ތިޔަ އިންނެވި ދީން ދޫކޮށްލައްވާށެވެ." އޭރު އެކަމަނާގެ ޙާލުކޮޅު ހުރިގޮތުން އެބައިމީހުން ދެންނެވި އެއްޗެއް ފަހުމުވެވަޑައިނުގަތުމުން އުޑަށް އިޝާރާތްކޮށްފައި އުޑުގެ ކަލާނގެ ކިބަފުޅުން ބަރީއަވާށޭ ދެންނެވުމުން ވިސްނިވަޑައިގެން ވިދާޅުވެއެވެ. "މާތްﷲ ގަންދެމެވެ. އަހަރެން މިހާރުވެސް މިހިރީ އެޢަޤީދާގެ މަތީގައި ސާބިތުވެއެވެ."

ދީނަށްޓަކައި ގާތްތިމާގެފުޅު މީހުނާ ގުޅުން ކެނޑުއްވުން

ޞަޙާބިންނާއި ޞަޙާބިއްޔާތުން އިސްލާމްވެވަޑައިގަތުމުން އެބޭކައުކަނބަލުންނާ މުޝްރިކުންނާ ދެމެދުގައި އޮތް ހުރިހައި ގާތްކަމަކާއި ހުރިހައި ގުޅުންތަކެއް ދިޔައީ ކެނޑިގެންނެވެ. ނަމަވެސް އެކަމުން އެބޭބޭކައުކަނބަލުންގެ އީމާންކަމުގެ ބާރަކަށް ގުޑުމެއް ނާރައެވެ.

މިމައްސަލައިގެ ބާވަތަށް ބަލާއިރު ޞަޙާބިއްޔާތުންގެ ޙާލުކޮޅު ޞަޙާބީންނަށްވުރެވެސް ނާޒުކެވެ. ޝައްކެއްނެތެވެ. ކޮންމެ އިންސާނަކީވެސް އެމީހެއްގެ ގާތްތިމާގެ މީހުންނާއި ރައްޓެހި ރަޙްމަތްތެރީންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެކެވެ. ޚާއްޞަކޮށް އެޒަމާނުގައި އަންހެނެއްގެ ދިރިއުޅުމުގެ ހުރިހައިކަމެއް ބިނާވެފައި އޮތީ ބައްޕަ ނުވަތަ އަޚެއްގެ ނުވަތަ ފިރިމީހާގެ އެހީތެރިކަމާއި ވާގިވެރިކަމުގެ މައްޗަށެވެ. އަންހެނަކަށް އެކަމުން އެއްކިބާވެހުރުމަކީ ހިތަށް ގެންނާންވެސް ފަސޭހަކަމެއް ނޫނެވެ. އެޒަމާނުގައި ފިރިއެއްގެ އެހީތެރިކަމުން މަޙްރޫްމްވެފައިވާ އަންހެނާއަކީ އެއްވެސް ވާލެއް އިޔާރެއްނެތް މީހެކެވެ. ގަހަކުން ވެއްޓިފައިއޮތް ހިކިފަތެއް ފަދަ މީހެކެވެ.

ކަންމިހެން ހުރުމާއެކުވެސް އިސްލާމްދީނަށްޓަކައި ޞަޙާބިއްޔާތުން މިދެންނެވި ނާޒުކު ގުޅުންވެސް ކަނޑުއްވައިލެއްވިއެވެ. އެބޭކަނބަލުންގެ ކާފަރު ފިރީންނާ އަބަދަށްޓަކައި ވަކިވެވަޑައިގެންނެވިއެވެ. އާދެ، ޙުދައިބިއްޔާގެ ޞުލްޙައަށްފަހު މުމްތަޙިނަތު ސޫރަތުގެ ފަހުކޮޅުގެ އާޔަތްތައް ބާވައިލެއްވުމުން ޞަޙާބީން އެބޭކަލުންގެ މުޝްރިކު އަނބިއަނބިކަނބަލުން ވަރިކުރެއްވިފަދައިން ޞަޙާބިއްޔާތުންވެސް އެބޭބޭކަނބަލުންގެ މުޝްރިކު ފިރިފިރިކަލުންނާ ވަކިވެވަޑައިގެން މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއެވެ. އޭގެތެރެއިން އެއްވެސް ބޭކަނބަލެއް ދީންދޫކޮށްލައްވައި މުޝްރިކު ފިރިކަލެއްގެ ގާތަކަށް ވަޑައެއް ނުގަންނަވައެވެ. އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ އަންހާ މިކަމާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. "އިސްލާމްވެވަޑައިގަތުމަށްފަހު މުރުތައްދުވެވަޑައިގަތް އެންމެ މުހާޖިރު އަންހެނެއްގެ ޚަބަރުވެސް އަހަންނަކަށް އިވިފައެއް ނުވެއެވެ."

ޞަޙާބީ ބޭކަނބަލެއް ކަމުގައިވާ އައްސައްޔިދާ އުއްމު ސުލައިމުގެ ކާވެނިފުޅަށް އެދިވަޑައިގެން އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު ހުށަހެޅުއްވިއިރު އަބޫޠަލްޙަތު ހުންނެވީ ކާބަފައިންގެ ދީންމަތީގައެވެ. އެހެންވެ އުއްމު ސުލައިމު ޖަވާބުދެއްވިއެވެ. "އަބޫޠަލްޙަތު އެވެ. ކަލޭގެފާނު އަޅުކަންކުރައްވާ ކަލާނގެއަކީ ގަހެއް (ލަކުޑީން ހަދައިފައިވާ ބުދެއް) ކަން އެނގިވަޑައިނުގަންނަވަނީތޯއެވެ؟ އެގަސް ފެޅީ ބިމުންނެވެ. އެގަސް ކޮށައިގެން އެއިން ބުދެއް ހެދީ ޙަބަޝާގެ އެވެނި މީހެކެވެ." އަބޫޠަލްޙަތު ވިދާޅުވިއެވެ. "އަޅުގަނޑަށް އެކަން އެނގެއެވެ." އުއްމު ސުލައިމު ވިދާޅުވިއެވެ. "އެއަށް އަޅުކަން ކުރައްވާކަށެއް ލަދުފުޅުގެންވަޑައެއް ނުގަނޭތޯއެވެ؟ އަޅުގަނޑާ ކާވެނިބައްލަވާން ބޭނުންފުޅުނަމަ އިސްލާމްވެވަޑައިގަންނަވާށެވެ. އަޅުގަނޑުގެ ކާވެނީގެ ރަނަކީ އެއީއެވެ. ކަލޭގެފާނުގެ އަރިހަކުން އަޅުގަނޑު އެނޫން ކަމެއް ބޭނުމެއް ނޫނެވެ."

އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގަތުމުން އުއްމު ސުލައިމު އެކަލޭގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުން ކީރަނެއް ނާތުލައްވައެވެ.

_____________________________

comment ކޮމެންޓް