މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް "އެހީތެރިކަން" ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމް އިބްރާހިމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މާދަމާ ނަގާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމަށް ވޯޓް ދޭ މެމްބަރުން، އިތުރު ދައުރަކަށް މަޖިލީހަށް ހޮވުމަށް ޓިކެޓް ދެއްވާނެ ކަމަށާއި އެ މެމްބަރުންނަށް ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މާދަމާގެ ވޯޓުގެ ކުރިން ބިރުދެއްކުމުގެ ކިތަންމެ ކަމެއް ކޮށްފި ކަމަށާއި ނަމަވެސް އޭގެން އެއްވެސް ކަމަކަށް އިދިކޮޅުގައި ތިބި މެމްބަރުން ގުޑާލާފައި ނުވާ ކަމަށެވެ.

"މާދަމާގެ ވޯޓުގައި އަޅުގަނޑުމެނަށް ތާއިދުކޮށް މަސީހު ބޭރުކުރުމަށް ވޯޓު ދޭ މެމްބަރުން އާދެ ފެއްސަށް އޮއްބަވާ މެމްބަރުންނަކީ އިރާދަކުރެއްވިިއްޔާ އެ މެމްބަރަކު މިހާރު ހުރި ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުން ވެގެން ޓިކެޓް ދޭނަން އެ ދާއިރާއަކަށް ނިކުމެ ވަޑައިގަތުމަށް. އަޅުގަނޑުމެން އެހީތެރިވެދޭނަން ހުރިހާ ގޮތަކުން ވެސް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އޭނާ އާއި ރައީސް ނަޝީދުގެ އިތުރުން ރައީސް މައުމޫން އަދި ޝައިހް އިމްރާން އެއް ފަޅީގައި ހުރިހާ ހިނދަކު އެހެން މެމްބަރަކަށް މަޖިލީހަށް ހޮވުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަމަށެވެ.

"އަޅުގަނޑު އެ ވާހަކަ މި ދަންނަވަނީ މި ގައުމުގެ މުސްތަގްބަލާއި އަމާންކަމަށް ޓަަކައި. މިގައުމުގެ އަދުލް އިންސާފާއި މިގައުމުގެ އަމަން އަމާންކަމަށްޓަކައި. މި ގައުމުގެ އެކިއެކި އިގްތިސާދީ މަސަތްކަތްތަކާއި އިޖުތިމާއީ ތަރައްގީއައްޓަކައި. މގައުމުގެ ހަމަޖެހުމާއި އުފަލައްޓަކައި،" ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް