ހއ. އަތޮޅު ބުރުގެ ފުރަތަމަ މެޗު ފިއްލަދުއަށް

މިނިވަން ޗެމްޕިއަންޝިޕްގެ ހއ. އަތޮޅު ބުރުގެ ފުރަތަމަ މެޗުން މޮޅުވި ފިއްލަދޫ: މިއަދު ހަވީރު ކުޅުނު މެޗުގައި ފިއްލަދޫގެ މައްޗަށް މުރައިދޫ ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ ފިއްލަދޫ އެފްސީ

މިނިވަން ޗެމްޕިއަންޝިޕްގެ ހއ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި މުރައިދޫގެ މައްޗަށް ފިއްލަދޫ ކުރި ހޯދައިފިއެވެ.

އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މުރައިދޫ އަތުން ފިއްލަދޫ މޮޅުވެފައިވަނީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ފިއްލަދޫން ތިން ލަނޑު ކާމިޔާބުކޮށްފައިވެއެވެ. މެޗުގެ ހަވަނަ މިނެޓުގައި ފިއްލަދޫގެ ފުރަތަމަ ލަނޑު ހުސައިން ޒިމްޔާން ކާމިޔާބުކޮށްދިންއިރު، މެޗުގެ 22 ވަނަ މިނެޓުގައި ވެސް އޭނާ ވަނީ ފިއްލަދުއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ފިއްލަދުއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔަބުކޮށްދިނީ އިބްރާހިމް ޝާއިދުއެވެ.

މެޗުގައި މުރައިދޫން ފެނުނު ދެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެނިކޮށެވެ. މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، މުރައިދޫގެ ފުރަތަމަ ލަނޑު ހުސައިން ވިޝާލް ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި މުރައިދޫގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވިޝާލްއެވެ.

ފިއްލަދޫގައި ކުރިއަށްދާ ހއ. އަތޮޅު ބުރުގައި ވާދަކުރަނީ ތިން ރަށެވެ. އެއީ ފިއްލަދޫގެ އިތުރުން މުރައިދޫ އަދި މާރަންދޫއެވެ. ހއ. އަތޮޅު ބުރުގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާނީ މުރައިދުއާއި މާރަންދޫއެވެ.

މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 81 ރަށަކުން ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ އަތޮޅު ބުރެވެ. އެ ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމު ޒޯން ބުރަށް ދަތުރުކުރާނެއެވެ. އަދި ޒޯން ބުރުގެ ޗެމްޕިއަން ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ބ. އޭދަފުށްޓެވެ. އެ ޓީމު އެ މުބާރާތް ކާމިޔާބުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު، ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ތ. ތިމަރަފުށި 1-0 ލަނޑުން ބަލިކޮށްގެންނެވެ.

comment ކޮމެންޓް