ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން އަދި ވަތްކެއް ނުކުރަން: ޕީޕީއެމް

ރިޔާސީ އިންތިހާބު ކާމިޔާބުވުމުން، އެކަން ފާހަގަ ކުރަން ބޭއްވި ހަފްލާގައި ރައީސް ޔާމީނާއި ރައީސް މައުމޫން ބައްދާލައްވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެ ޕާޓީގެ މެމްބަރުކަމުން އަދި ވަކިކޮށްފައި ނުވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މުސައްތަޝާރު ކަމުގައި ހިންގަވާ ޕީޕީއެމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ކޮންޓްރޯލް އޮތް، ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު "ސަން"އަށް ދެންމެ ވިދާޅުވީ އެ ޕާޓީގެ މެމްބަރުން ވަކިކުރާނީ ސުލޫކީ ކޮމެޓީން ކަމަށާއި ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރުމުގެ ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ރިޔާސަތުގައި އިންނަވައި، ދަރުބާރުގޭގައި މިއަދު މެންފުރުފަހު ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކުރެއްވުމަށް ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވުމަށެވެ.

ޕީޕީއެމުން މައުމޫން ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް ނިންމާފައި ވަނީ ޕީޕީއެމްގެ ރައީސްކަމުގެ މަގާމުން، މައުމޫން ވަކިކުރައްވާނެ ކަމުގެ އިންޒާރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު އިންޒާރު ދެއްވާފައި ވަނިކޮށެވެ.

އޭނާ އެ އިންޒާރު ދެއްވީ އިދިކޮޅު ފަރާތްތަކާއެކު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ޕީޕީއެމްގެ ކައުންސިލާ މަޝްވަރާއެއް ކުރުމެއް ނެތި އެއްބަސްވުމެއް އެކުލަވާލައްވާފައިވާތީ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތަކަށް ރައީސް މައުމޫން ނުކުންނެވުމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ މައުމޫނަކީ މިހާރު ޕީޕީއެމްގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އެއީ ފަނާކުރަނިވި ފިކުރުގެ ބޭފުޅެއް ކަމަށެވެ.

ޕީޕީއެމްގެ މެމްބަރު ކަމުން މައުމޫން ވަކިކުރި ކަމަށް ބުނެ، އެ ހަބަރުތައް ފެތުރެން ފެށުމާއެކު، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ މެމްބަރުން ވަކިކުރުމުގެ ބާރެއް "ދަރުބަރު ފެކްޝަން"އަށް ލިބިގެން ނުވާ ކަމަށެވެ. އަދި މާތްﷲގެ މިންވަރުފުޅާއެކު ޕީޕީއެމްގެ ރައީސް އަދި އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް