ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށްފަހު، އަޒުމޫން ނިހާނާ ވާހަކަ ދައްކަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕީޕީއެމް އާއި އެމްޑީއޭގެ މަޖިލިސް މެމްބަރުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އޭނާއާ ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދި ނިހާން ހުސެން މަނިކު ދެއްވައިފި އެވެ.

އެ އިންޒާރު ދީފައި ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު، ނޫސްވެރިންނަށް ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަޒްމޫން އަހުމަދު ދީދީ ކުރި ސުވާލަކާ ގުޅިގެންނެވެ.

އެތަނަށް ހާޒިރުވެ ތިއްބެވި މެމްބަރުންނާ އަމާޒު ކުރައްވައި އަޒުމޫން ސުވާލު ކުރީ މަދު މަޖިލިސް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރިސޯޓު ތަރައްގީ ކުރުމަށް ފަޅުރަށްތައް ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ތުހުމަތުގެ ހަގީގަތަކީ ކޮބައިތޯ އެވެ؟

"ތިޔަ ބޭފުޅުންނާ ދިމާލަށް އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުމަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ވާހަކަ. ދެން ތިޔާގެ ތެރެއިން މަދު މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންނަށް ރަށްތައް ލިބިފައި ހުރި ކަމަށް ތުހުމަތު މި ކުރެވެނީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ؟،" އަޒްމޫން ސުވާލު ކުރި އެވެ.

އެ ސުވާލު ކުރަން ފެށުމާ އެކު، އެތަނުގައި ތިއްބެވި ބައެއް މަޖިލިސް މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. މެމްބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ނިހާން ވަނީ އެ މެމްބަރުން އަރިހުގައި ހިމެނޭނުން ތިއްބެވުމަށް އެދިވަޑައިގެންފަ އެވެ.

އަޒުމޫން، އޭނާގެ ސުވާލު ކުރިއަށް ގެންދަން ފެއްޓި އެވެ.

"ދެން މި ފާޑުކިޔުން އަމާޒްވެގެން މި އަންނަ ގޮތުގައި އޮންނަނީ ތިޔަ ބޭފުޅުން [ޕީޕީއެމް މަޖިލިސް މެމްބަރުން] އެޅުވިފައި ތިބި ކަސްތޮޅަކީ އެއީ ކަމަށް ޔާމިން ފަހަތުގައި ތިބެން. އެ މަޖުބޫރީ ހާލަތު ކަމަށް ތިބޭފުޅުންނަށް އޮތީ. އެއީ ކިހާވަރެއްގެ ތެދު ވާހަކައެއްތޯ،" އަޒުމޫންގެ ސުވާލު ނިންމާލަމުން ބުންޏެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ ނޫސްވެރިޔާ ސުވާލުކުރުމުގެ ކުރިން ރަނގަޅަށް މައުލޫމާތު ސާފު ކުރެއްވުމަށާއި މެމްބަރުންގެ ތެރެއިިން ވިޔަފާރީގައި އުޅުއްވާ މެމްބަރުން ފިޔަވައި އެހެން އެއްވެސް މެމްބަރެއްގެ އަތުގައި ފަޅުރަށެއް ނެތް ކަމަކީ ޔަގީންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ދިމާލަށް ތިޔަ ވިދާޅުވި ބަސްތައް ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލަން. އަޅުގަނޑުމެން ބަލާފައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުންނާ މެދު ތިޔަ ވިދާޅުވީ ބަސްތައް އަޅުގަނޑުމެން ބަލާފައި ތިޔަ ވިދާޅުވި މަދު މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުންނަށޭ. އެއީ ދޮގަކަށް ވެއްޖެ ނަމަ އަނބުރު ރައްކާތެރި ކުރުމުގެ ގާނުނަށް ތައްޔާރުވުމަށް އަޅުގަނޑު ޖަވާބެއްގެ ގޮތުގައި ދަންނަވަން،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ އެ މައްސަލާގައި ދެން ބައްދަލުކުރާނީ ކޯޓް ރޫމުން ކަމަށެވެ.

ނިހާން އަޒުމޫނަށް ދެއްވި އިންޒާރާ ގުޅިގެން، ޕްރެސް ކޮންފަރެންސަށް ނިހާންނަށް "ސަން"އިން ސުވާލު ދެންނެވުމުން ވިދާޅުވީ ދައުވާ ކުރާނީ އޭނާ ނޫން ކަަމަށާއި އެކަން ކުރައްވާނީ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކަމަށެވެ.

comment ކޮމެންޓް