ހުން އައުމުގެ ކުރިން ވިސްނާ!

އައިޖީއެމްއެޗުން މީހަކު ތުއްތު ކުއްޖަކު ގޮވައިގެން ނުކުންނަނީ: ރާއްޖެ އިން މިއަދާ ހަމައަށް އެޗްވަންއެންވަންއަށް 185 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ދައްކާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މައިންބަފައިން ތިބީ ރޯގާއިން ދަރިން ސަލާމަތްކުރެވޭނެ ގޮތްތަކާ މެދު ވިސްނުމުގައި ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ދަރިންގެ ކަންބޮޑުވުމަކީ ދުވަސްވީ މައިންބަފައިންނަށް ރޯގާގެ އަސަރުކޮށްފާނެތީ އެކަމުގެ ހާސްކަމެވެ. އޮފީސްތަކާއި ވިޔަފާރި ކުންފުނިތައް ވަނީ މުވައްޒަފުން ބަލިވެ އޮފީސް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރުވެރި ކަމުގެ ތެރޭގަ އެވެ. މިއީ އަދުގެ ހާލެވެ.

ތަފާސް ހިސާބުތަކަށް ބަލާ އިރު ކޮންމެ އަހަރެއްގައި ވެސް މިދުވަސްވަރު ހުމާއި ރޯގާގެ ބަލިމަޑުކަން އިތުރުވެ އެވެ. އަދި ބައެއް އަހަރުތަކުގައި އެއަދަދު މާ އިތުރުވަނީ އެވެ. މިއީ އޭގެ އަހަރެކެވެ. ސްވައިން ފުލޫގައި ހަތަރު މީހަކު މިރާއްޖެ އިން މިއަރު ވަނީ މަރުވެފަ އެވެ. ރިޕޯޓުގައި ބަލާލާފައި ވަނީ ރޯގާއިން ރައްކާތެރިވުމަށް ކުރިއާލާ އެޅޭނެ ފިޔަވަޅުތަކަށެވެ.

ވެކްސިން ދިނުން މުހިންމު!

މިހާރު އެންމެ ގިނައިން މީހުން ކުރާ ސުވާލަކީ އެޗްވަންއެންވަންއިން ރައްކާތެރިކޮށްދޭ ވެކްސިން ކުޑަކުދިންއަށް ދެނީ ކޮންއިރަކުންތޯ ކުރާސުވާލެވެ. ސްވައިން ފުލޫއިން ރައްކާތެރިވުމަށް ޖަހާ އިންފުލުއެންޒާ ވެކްސިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށާއި ދުވަސްވީ މީހުންނަށް އަދި މާބަނޑު މީހުންނަށް އަންނަނީ ޖަހައިދެމނުންނެވެ. ނަމަވެސް އާބާދީގެ ބޮޑު ބަޔަކަށް އެވެކްސިން ނުދެ އެވެ.

އެމެރިކާ ފަދަ ތަރައްގީވެފައިވާ ދުނިޔޭގެ ބައެއް ގައުމުތަކުން ކޮންމެ އަހަރަކު ވެސް ފުލޫ ޝޮޓްގެ ނަމުގައި އެ ވެކްސިންދެ އެވެ. އެއީ މިފަދަ ރޯގާތަކުން އާންމުން ސަލާމަތްކުރުމަށެވެ. ނަމަވެސް ރާއްޖެއަކު ވެސް އަދި މިސަރަހައްދުގެ އެހެން ގައުމެއްގައި ވެސް އެގޮތަށް އެވެކްސިން ނުދެ އެވެ.

ތަޖުރިބާކާރު ޑޮކްޓަރު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި އެޗްވަންއެންވަންއަށް ދޭ ވެކްސިން އަކީ އެފަދަ ފުލޫ ރޯގާތަކުން ސަލާމަތްވުމަށް އޮތް ފުރުސަތެއް ކަމަށާއި އެ ވެކްސިން ރާއްޖެ އިން ލިބުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

"ވެކްސިނަކީ ވަރަށް ސޭފް ވެކްސިނެއް، ކޮންމެ އަހަރަކު ތަފާތު ޑޯޒެއް ޖަހަން ޖެހޭ، ވެކްސިން ދީފައި ހުރިއްޔާ ޖެހުނަސް ބޮޑުވަރުވުމުގެ ފުރުސަތު ކުޑަވާނެ،" ޑރ. އަފީފް ވިދާޅުވި އެވެ.

ޑރ. އަފީފް ސަން އަށް ދެއްވި އިންޓަވިއޫއެއްގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ފުލޫ ރޯގާއަށްދޭ ވެކްސިން އުފައްދަނީ އެކިއަހަރު އެކިގޮތަށެވެ. އެއީ އެ އަހަރެއްގައި ފެތުރޭ ވައިރަސް އަކަށް ބަލައި އޭގެން ރައްކާތެރިވާ ގޮތަށެވެ. ކުޑަކުދިންއަށް އެވެކްސިން ދެނީ ހަ މަހުން މަތީ ކުދިންނަށެވެ. ހަ މަހާއި އަށް އަހަރަށް ދެވަނަ ޑޯޒެއް ދޭއިރު އަށް އަހަރުން ފެށިގެން ބޮޑެތި މީހުންނަށް ސިންގަލް ޑޯޒެއް ކޮންމެ އަހަރަކު ދެވެ އެވެ.

ރޯގާއެއް ފެތުރުމުގެ ކުރިން ފިޔަވަޅުއެޅުން މުހިންމު ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމުކަމަކީ ގައުމީ ވެކްސިން ޕްރޮގުރާމްގައި ދަރިންބައިވެރިކޮށް ވެކްސިން ދިނުން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

"ބަޔަކު އެބައުޅޭ ވެކްސިން ޖެހުމަކީ އެވެނި ކަހަލަ ކަމެކޭ ބުނެ ނުބައި ފަތުވާދޭ، އެކަމުގެ ސަބަބުން ކޮންޓުރޯލްވެފައިވާ ބަލިތައް އައުމުގެ ބިރު ބޮޑު،" ޑރ. އަފީފް ވިދާޅުވި އެވެ.

ސިއްހީ ރަނގަޅު އާދަތައް އަށަގަތުން!

ވެކްސިނާއި ބޭހަށް ވުރެ ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ރަނގަޅު އާދަތައް އަށަގަތުމެވެ. ދިވެހިންގެ އާންމު ދިރިއުޅުމަށް ބަލާއިރު ގިނަ މީހުންނަކީ ސިއްހީ ގޮތުން އެންމެ ރަނގަޅު އާދަތައް އަށަގެންފައިވާ ފަރާތްތަކެއްނޫނެވެ.

ޑރ. އަފީފް ވިދާޅުވީ ކާ ވަކި ގަޑިތަކެއް ކަނޑައަޅައި އެއަށް އަމަލުކުރުން މުހިންމު ކަމަށެވެ. އަދި ކެއުމުގައި "ޖަންގް ފުޑްސް"ގެ ބަދަލުގައި ތަރުކާރީ އާއި މޭވާކެއުމަށް އާދަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ހަކުރު އަޅާފައި ހުންނަ ބުއިންތަކުން ދުރުވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޖޫސްތައް ބޭނުންކުރާ އިރު އާޓިފިޝަލް ޖޫސް [މީހުން] ބޭނުންކުރޭ. އެއީ ކުލަ ޖައްސާފައި ހުންނަ ހަކުރު ފެން. އޭގެން ވާނީ ހަށިގަނޑަށް ގެއްލުން. އާންމު ޕާޓީތަކުގައި ކޯކު ކަހަލަ އެއްޗެހި ބޭނުންކުރޭ އެއީ ވެސް ނުރައްކާތެރި ކެޓަގަރީގައި ހިމެނޭ ބުއިންތައް، މިތަކެތިން ދުރުވާން ޖެހޭ،" ޑރ. ވިދާޅުވި އެވެ.

ކުޑަކުދިން ލޮއްސުމަށާއި އެ ކުދިންގެ ކެއުންތަކުގައި އެފަދަ ތަކެތި ގިނަ އަދަދަކަށް ބޭނުންކުރާ އިރު ދުޅަހެޔޮ ސިއްހަތެއްގައި އެކުދިން ބައިތިއްބުމަށް އެފަދަ ކެއުންތަކުން ދުރުކުރާންޖެހެ އެވެ.

އާންމު ދިރިއުޅުމުގެ ތެރެއިން ފަރުދީ ޒިންމާ

އަތޮޅުތެރެއަށް ބެލި ނަމަވެސް އަދި މާލެއަށް ބެލިނަމަވެސް އާންމު މުޖުތަމައުއަކުން ފެނިގެން ނުވާ ފަދަ ސިއްހަތަށް ނުރައްކާހުރި އެތައްކަމެއް ފެނިގެންދެ އެވެ. ދުންފަތުގެ އިސްތިއުމާލްކުރުމާއި އަދި އެދުން އެއިސްތިއުމާލް ނުކުރާމީހާއަށް ވެސް ފޯރާހެން އެކަންކުރެ އެވެ.

ރޯގާގެ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ޑޮކްޓަރުންގެ ލަފަޔަކީ އާންމު ސާފްތާހިރުކަން އިސްކުރުމެވެ.

"މިސާލަކަށް ސިޑިން އަރާއިރު ސިޑީގެ ތަނެއްގައި އަތްލެވިއްޖެ ނަމަ ގައިގައި އަތްނުލައި އަތްދޮވުން، ފާހާނާ ގޭ ނުވަތަ ގޭ މައިދޮރުގައި އަތްލެވިއްޖެ ނަމަ އަތްދޮވުން މުހިންމު، އެއީ ޖަރާސީމުން ސަލާމަތްވުމަށް ޓަކައި،" ޑޮކްޓަރު ވިދާޅުވި އެވެ.

މަގުމައްޗަށް ކުޅުޖެހުން ފަދަ ކަންކަމަކީ ސިއްހަތަށް އިންތިހާއަށް ނުރައްކާ ކުރުވާނެ ކަންކަމަށްވާ އިރު ފަރުދީ ޒިންމާގެ ދަށުން އެފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.

މިރާއްޖެއަކީ ގިނަ އަދަދެއްގެ ބޭރު މީހުން އައިސް އުޅޭ ގައުމަކަށް ވުމާއި އެމީހުންނަކީ އެފަދަ ކަންކަމަށް ހޭލުންތެރިކަން ދަށްބަޔަކަށް ވުމުން އެމީހުންނަށް ސިއްހީ އިރުޝާދު ދިނުމަކީ މުހިންމުކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ކޮންމެ އަކަސް މިއަދު މިވަނީ ރޯގާގެ ކަންތައް އިންތިހާއަށް އިތުރުވެފަ އެވެ. ނުރައްކާ ހާލަތައް ކަންކަންގޮސްފަ އެވެ. މީގެން ލިބެން ޖެހޭ އިބުރަތަކީ ކުރިއާލާ ފިޔަވަޅު އަޅަން ޖެހޭ ކަމެވެ. ދައުލަތުގެ އިދާރާތަކުންނާއި އަމިއްލަ ފަރުދުންވެސްމެ އެވެ.

comment ކޮމެންޓް