ޕީޕީއެމް ރައީސްގެ މަގާމުން މައުމޫން ދުރުކުރާނަން: ފަލާހު

މަސީހާ އެކު ޕީޕީއެމް އެމްޑީއޭ، ޕީޖީ މެމްބަރުން: މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގަން އުޅޭތީ 41 މެމްބަރުންނާއެކު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ މަގާމުން މައުމޫން އަބްދުލް ގައްޔޫމް ދުރު ކުރައްވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު އޮތް ކަން ހާމަ ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ދުރުކުރަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ޕީޕީއެމްގެ ތެރެއިން ކުރާނެ ކަމަށެވެ.

"ރައީސް މައުމޫނަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު ކުރައްވާ އިހްތިރާމަކާއި ލޮތްބަކައި ގަދަރެއްގެ ސަބަބުންނޭ މިއަދާ ހަމައަށް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވުނީ،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބްރާހިމް ފަލާހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ފަށާނީ އެ މައްސަކަތް. ރައީސް މައުމޫން އެވަނީ ރައީސް ކަމުން ދުރުކުރަން ޖެހިފައި. އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން."

ފަލާހު އެގޮތަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސޮޔާއެކު އެއްބަސްވުމެއް އެކުލަވާލައްވައިފައި ވަނިކޮށެވެ. އެ އެއްބަސްވުމަކީ ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދު ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެން ކުރިއަށް ގެންދަވާ، އެ ދެ ބޭފޫޅުން އެކުގައި ކުރިއަށް ގެންދަވާ ސިޔާސީ ފުރަތަމަ މަސައްކަތެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތުގައި ގާސިމް އިބްރާހިމް ބައިޔަތު ހިއްޕަވާފައި ވާތީ، ފަލާހު ވިދާޅުވީ މާދަމާ ވެސް ސަރުކާރަށް ތާއިދު ކުރައްވައި ގާސިމް މެދުވެރިކޮށް ވާހަކަދެއްކިދާނެ ކަމަށެވެ.

"އަބަދު ވެސް މުދަލާއި ޖާނާއި އަންހެނުންނާ ހެދި މި ހުރިހާ އެއްޗަކަށްޓަކާ އުޅުއްވާ ބޭފުޅެއް ގާސިމް އިބްރާހިމަކީ. ގާސިމް އިބްރާހިމަކީ އަޅުގަނޑުމެންނަށް އޮޅިފައި ހުރި ބޭފުޅެއް ނޫން،" ފަލާހު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މަސީހާއެކު ޕީޕީއެމް/އެމްޑީއޭ މެމްބަރުން ތިބިކަން ހާމަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 41 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ މެމްބަރުންގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި އެމްޑީއޭގެ ނައިބު ލީޑަރު އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް