'ބަދްރީނާތު ކީ ދުލްހަނިއާ' އަށް 100 ކުރޯޑު ލިބިއްޖެ

ވަރުން ދަވަން އަދި އާލިއާ ބަޓްގެ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ'ގެ މަންޒަރެއް. މި ފިލްމަށް މިހާރު ވަނީ 100 ކުރޯޑު ރުޕީޒް ލިބިފައި -- ފޮޓޯ: ކޮއިމީ

ވަރުން ދަވަން އަދި އާލިއާ ބަޓްގެ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ' އަށް 100 ކުރޯޑު ރުޕީޒް ލިބިއްޖެ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަށް މިހާރު 100 ކުރޯޑު ރުޕީޒް ލިބިފައި ވާއިރު، އެއީ ދަރްމާ ޕްރޮޑަކްޝަންސްގެ ދެވަނަ އަށް އެންމެ ކާމިޔާބު ފިލްމަށް މިވަނީ ވެފައެވެ.

ދަރްމާ ޕްރޮޑަކްޝަންސްގެ ފިލްމުތަކުގެ ތެރޭން 100 ކުރޯޑުގެ އާމްދަނީއެއް ލިބުނު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ 'އަގްނީޕަތު'، '2 ސްޓޭޓްސް' އަދި 'ޔޭ ޖަވާނީ ހޭ ދިވާނީ' އެވެ. ނަމަވެސް 'ބަދްރީ ކީ ދުލްހަނިއާ' އަށް މަދުވެގެން 110 ކުރޯޑު ލިބޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ލަފާކޮށްފައެވެ.

ކަރަން ޖޯހަރު ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުގައި އާލިއާ އަދި ވަރުން ދައްކުވައިދީފައިވާ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ހަމަ އެއާ އެކު ޑައިރެކްޓަރު ޝަޝާންކް ޚައިތަން އަށް ވެސް ވަރަށް ބޮޑަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

މިއީ އާލިއާ އާއި ވަރުން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ. 'ބަދްރީނާތުކީ ދުލްހަނިޔާ' ވަނީ އިންޑިއާގެ 2700 ސިނަމާއެއްގައި ރިލީޒް ކޮށްފައެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް ވަނީ 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ' ރިލީޒް ކޮށްފައެވެ.

comment ކޮމެންޓް