އިއްޔެ ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި މަޖިލިސް މެމްބަރުންނަށް އިންޒާރުދިން ކަމަށް ބުނެ ދަގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ދެއްކެވި ވާހަކަފުޅު ތަހުގީގްކޮށްދެއްވުމަށް އެދި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ހުސެއިން އަރީފު އެވެ.
އޭނާ ހުށަހެޅި މައްސަލާގައި ވަނީ ޕީޕީއެމްގެ ފޯމު ހަވާލުކުރުމުގެ ހަފްލާއެއް ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި މެމްބަރު އިލްހާމް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކައި އިންޒާރު ދިންކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ.
އިއްޔެ ބޭއްވި އެ ޖަލްސާގަައި އިލްހާމް ވިދާޅުވެފައި ވަނީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ނަގާ ވޯޓްގައި ވޯޓްލާނީ ހޫނުފެނުގައި އަތްލާން ބޭނުންވާ މެމްބަރުން ކަމަށެވެ.
"ހޫނު ފެނުގައި އަތްލާން ބޭނުންވެއްޖެ ނަމަ ވޯޓްލާ. އަޅުގަނޑުމެންގެ ތެރެއިން ވެސް ވޯޓް ލާނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ބޭރުން ވެސް އައިސް މި ވޯޓްގައި އަތްލާން ޖެހޭނީ ހޫނުފެނުގައި އަތްލާން ބޭނުންވެއްޖެޔާ. ފައި މައްޗަށް އެޅޭނެ ހޫނުފެން،" އޭނާ ވިދާޅުވި އެވެ.
އެ ކަމާ ގުޅިގެން 'ސަން' އިން އިލްހާމްއާ ގުޅުމުން ވިދާޅުވީ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އޭނާ އިންޒާރުދީ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ނަމަވެސް އެއްވެސް މެމްބަރަކު ކުށެއް ކޮށްފި ނަމަ އެ މައްސަލަ ސަރުކާރުން ބަލާނެ ކަމަށެވެ.