ނިމާލްގެ "ލޯބީގެ ހިޔަނި"ގެ ޝޫޓިން ނިމިއްޖެ

"ލޯބީގެ ހިޔަނި" ޑްރާމާއިން ފެނިގެންދާނެ ބައެއް ތަރިން---

މަރިޔަމް މޫސާގެ ވާހަކައަކަށް ކުޅަދާނަ ޑައިރެކްޓަރު އަދި އެކްޓަރު އަހުމަދު ނިމާލް ޑައިރެކްޓްކޮށް، އަވަށްޓެރި ސްރީ ލަންކާގައި ޝޫޓް ކުރަމުން ދިޔަ ޑްރާމާ ސީރީޒް "ލޯބީގެ ހިޔަނި" މަންޒަރުތައް އެއްކޮށް ނަގާ ނިންމާލެވިއްޖެ ކަމަށް އެ ޑްރާމާގެ ޓީމުން ބުނެފި އެވެ.

އެެ ޑްރާމާގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ޝޫޓިން ނިންމާލުމަށް ފަހު ލަންކާގައި ހުރެ، ޑްރާމާގެ ޕްރޮޑަކްޝަން މެނޭޖަރު އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނީ، ޑްރާމާގެ ހުރިހާ މަންޒަރެއް ރޭ ނިންމާލާފައިވާ ކަމަށާއި ހުރިހާ ކާސްޓުންގެ ފަރާތުން ވެސް ފުރިހަމަ އެއްބާލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

"ރޭގައި އަޅުގަނޑުމެން ޝޫޓިން ނިންމާލީ ވަރަށް ހިތްހަމަ ޖެހިގެން. މި ޑްރާމާގައި އުޅޭ ހުރިހާ ތަރިން ވެސް ވަރަށް އެއްބާރުލުންދޭ. ވަރަށް ސަޕޯޓިވް ހުރިހާ ކުދިން ވެސް. އެއްމަހާއި ތިން ދުވަސް ތެރޭއި ހަމަ ވަރަށް ބަރާބަރަށް ނިންމާލެވިއްޖެ،" ގޮޅާ އައްޔަ ބުންޏެވެ.

"ލޯބީގެ ހިޔަނި" އިން ފެނިގެންދާނެ މަލް އަދި ސުޖީތާ---

އޭނާ ބުނީ، ލަންކާގެ ބައެއް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ބޮޑު ކާސްޓަކާ އެކު ޑްރާމާ އެއްކޮށް ޝޫޓް ކޮށް ނިންމާފައިވާ އިރު ބައެއް ތަރިން މިއަދު ރާއްޖެ އަންނާނެ ކަމަށާއި ބާކީ ތިބި ތަރިން މީގެ ދެދުވަސްތެރޭ ރާއްޖެ އަންނާނެ ކަމަށް ގޮޅާ އައްޔަ ބުންޏެވެ.

"ދެން އޮތީ ޑްރާމާގެ އެޑިޓިން. ވަރަށް އަވަހަށް އެ މަަސައްކަތް ވެސް ފަށާނަން. ބެލުންތެރިން ބަލާގަންނާނެ ވަރުގެ މަސައްކަތެއް ގެންނަން މި މަސައްކަތް ކުރަނީ،" ސައްބީސް އެޕިސޯޑުގެ މައްޗަށް އުފައްދާ ޑްރާމާއާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.

"ވާލޯބި އެނގޭ ނަމަ"، "ޒަލްޒަލާ" ފަދަ ފިލްމުތައް ދިވެހިންނަށް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ނިމާލްގެ އެ ޑްރާމާ އަކީ ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާއެއްގެ ތެރޭގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށެވެ.

"ލޯބީގެ ހިޔަނި" ޝޫޓިންގެ ތެރެއިން----

ޑްރާމާގެ ލީޑް ރޯލުން އަހުމަދު އަޒްމީލް (އަޒޭ) އާއި ފިލްމީ ދާއިރާގައި ބާރަށް ފިޔަޖަހަމުންދާ ތަރި، މަލީހާ ވަހީދު (މަލް)ގެ އިތުރުން އިސްމާއިލް ޖުމައިހް (ޖުމާ) އަދި ސުޖީތާ އަބްދުﷲ ހިމެނެ އެވެ. އޭގެ އިތުރުން ފާތުމަތު ޝީރީން، އާރިފާ އިބްރާހިމް އަދި ހާމިދު ވަޖީން ފަދަ ތަރިން ވެސް ޑްރާމާގައި ފެނިގެންދާނެ އެވެ.

އެ ޑްރާމާގެ ހުރިހާ މަސައްކަތެއް އަންނަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި ބެލުންތެރިންނަށް ޑްރާމާ ފެންނާނީ "ސިއްރު" އާއި "ހިތް ހަލާކު" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހުސެއިން އާދިލް އިސްކޮށް ހުރެ އަލަށް އުފައްދާ ޗެނަލަކުން ކަމަށް ގޮޅާ އައްޔަ ބުންޏެވެ.

comment ކޮމެންޓް