ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އެކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އިއްޔެ ވައްޑޭ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނަނީ އެ ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ޖަވާބުދާރީ ވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ވައްޑޭގެ ފަރާތުން ދެ މެމްބަރަކު ޕީޕީއެމްގެ އޮފީހަށް ފޮނުއްވައި ދެއްވުމަށެވެ.
ސުލޫކީ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު އަބްދުއްރަހްމާނު ސޮއި ކުރައްވައި ވަހީދުއަށް ފޮނުވާފައިވާ އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ ހޮނިހިރު ދުވަހުގެ އެ ގަޑިއަށް ޕީޕީއެމްގެ އޮފީހަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި ވެސް މައްސަލަ ކުރިއަށް ގެންގޮސް ނިންމާނެ ކަމަށެވެ.
އެކަމާ ގުޅިގެން ވައްޑޭއާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން އާއި އެ ޕާޓީގެ ރައީސް، މައުމޫންއާ ދެމެދު އުފެދުނު ހިޔާތަފާތުވެމެއްގެ ތެރެއިން ވައްޑެއަކީ މައުމޫނަށް ތާއިދުކޮށް ސަރުކާރަށާއި ރައީސް ޔާމިންގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުންދާ މެމްބަރެކެވެ.
މިހާރު އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ވެސް ވައްޑޭ އަންނަނީ އަމަލީ ގޮތުން ވަކާލާތު ކުރައްވަމުންނެވެ.