ހައިސިއްޔަތެއް ނެތި، ޕީޕީއެމް ތަމްސީލު ކުރި ކަމަށް ބުނެ ފާރިސަށް އިންޒާރެއް

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް (ވ) ފަހަތުގައި ފިޔާތޮށި ކުލައިގައި ޕީޕީއެމްގެ ދިދަ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އިން ވަކިކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެއްވެސް ހައިސިއްޔަތެއް ނެތި ޕީޕީއެމް ތަމްސީލްކުރަމުންދާ ކަމަށް ބުނެ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ވިސްނަމުންދާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމުން ފާރިސް މައުމޫންގެ އަމަލުތައް ކުށްވެރިކޮށް ރޭ ބަޔާނެއް ނެރުނީ އިއްޔެ މެންދުރު އިދިކޮޅު ފަރާތްތަކުން ގުޅިގެން މަޖިލީހުގެ ރައީސް ވަކިކުރުމަށް ތާއިދުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދިޔާ އެކު އެ ޕާޓީ ތަމްސީލް ކުރުމުންނެވެ.

ޕީޕީއެމުން ނެރުނު އެ ބަޔާނުގައި ބުނީ ސިވިލް ކޯޓުގެ ހުކުމަކުން ޕާޓީގެ ހިންގުން ވަނީ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާ ހަވާލުކޮށްފައި ކަމަށާއި އެ ހާލަތުގައި ޕީޕީއެމް ތަމްސީލް ކުރާނީ ރައީސް ޔާމިން ނުވަތަ ރައީސް ޔާމިން ހަމަޖައްސާ ބޭފުޅެއް ކަމަށެވެ.

އެ ބަޔާނުގައި ބުނީ ޕީޕީއެމުން ވަކިކޮށްފައިވާ ފާރިސް މައުމޫން އެ ޕާޓީގެ ނަން ކިލަނބުވާ ގޮތަށް ޕީޕީއެމްގެ ނަމާއި ދިދަ އަދި ލޯގޯ ބޭނުންކޮށްގެން ހިންގާ އަމަލުތަކަކީ ޕާޓީގެ މެމްބަރުންގެ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނަށް ހަޖޫޖަހާ، މި ލޮބުވެތި ވަތަނަށް އެތައް ގެއްލުންތަކެއްދޭ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން ކިލަނބުކުރާ، އަދި ދިވެހި ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި ކުލުނުވެރިކަން ކަނޑާލައި ހަމަނުޖެހުންތަކަށް އަބަދުމެ މަގުކޮށާ ބަޔަކާ އެކު ދިވެހި އެއްވެސް ރައްޔިތަކު އެއްމޭޒަކަށް އަރަން ބޭނުން ނުވާނެކަން ކަށަވަރެވެ،" އެ ބަޔާނުގައި ވެއެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީން ރާއްޖެއަށް ގެނަސްދެމުންދާ ތަރައްގީއާ ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކުރިއެރުންތަކަށް ހަސަދަވެރިވެ އަމިއްލަ މަސްލަހަތުތައް ކާމިޔާބު ނުވުމުން ރައްޔިތުންނަށް ގެއްލުންދެމުން ގައުމުގެ އަގުވައްޓާލަމުންދާ ބަޔަކާ ގުޅިގެން މަސަތްކަތްކުރުމަކީ ޕީޕީއެމްގެ މެމްބަރުންނާއި ޕީޕީއެމަށް ހެޔޮއެދޭ އެއްވެސް ބަޔަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ ޕީޕީއެމްގެ ހައްގުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަަވަޅުތަކާއި މެދު އެ ޕާޓީން އަންނަނީ ވިސްނަމުން ކަމަށެވެ.

comment ކޮމެންޓް