ފ. މަޝްރޫއު އޮތީ ކުރިއަށް، ރަސްގެފާނާ ވަރަަށް އަވަހަށް ބައްދަލުވާނެ: ރައީސް ޔާމީން

ޖެނުއަރީ 30، 2017: ޕީޕީއެމަށް ގިނަ ކައުންސިލަރުންތަކެއް ގުޅިވަޑައިގަތުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ ސަރުކާރުން ފ. އަތޮޅު ތަރައްގީ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު އޮތީ ކުރިއަށް ކަމަށާއި ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާ ވަރަށް އަވަހަށް ބައްދަލުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ބައެއް ބޭފުޅުން ސޮއިކުރުމަށް މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެޗްވަން އެންވަން ރޯގާއާ ގުޅިގެން ސައުދި ރަސްގެފާނުގެ ދަތުރުފުޅު ލަސްކުރެއްވި ނަަމަވެސް ވަރަށް އަވަަހަށް ސައުދީ ރަސްގެފާނާ އެމަނިކުފާނާ ބައްދަލުވާނެ ކަމަށެވެ.

އަދި ސައުދީ ސަރުކާރާ އެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ދައުލަތުގެ ބައެއް ވަޒީރުން ސައުދީ އަރަބިއާއަށް ވަރަށް އަވަހަށް ދަތުރުފުޅު ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ އެއްބަސްވުންތަކަކީ ސައުދީން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ އެހީތަކާ ބެހޭ އެއްބަސްވުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ސައުދީ ރަސްގެފާނު މެސެޖު ކުރައްވައި ރައީސް ޔާމީނަށް އެގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވާ ކަމަށާއި ކުރިއަށް ހައްޖު މޫސުމުގައި ސައުދީއަށް ޒިޔާރަތެއް ކުރުމުގެ އުންމީދުގައި ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސައުދީ ޝާހީ އާއިލާއަކަށް ނިސްބަތްވާ ބޭފުޅުން ކޮޅެއް ރާއްޖޭގައި ފަށަން އުޅޭ މަޝްރޫއަކީ މިސަރުކާރުގައި ފެށުނު މަޝްރޫއެއް ނޫން ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު ވަހީދު އަހުމަދުގެ ސަރުކާރުގައި ފެށިފައި އޮތް މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ.

"ރައީސް ވަހީދު ސަރުކާރުގައި މިކަން ފެށިގެން ދިޔަ އިރު. އަޅުގަނޑުމެނަށް ހަމަ ސީދާ ރައީސް ވަހީދުގެ ފަރާތްޕުޅުން މައުލޫމާތު ލިބިފައި މިއޮތީ އޭރު ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުންނާ މަޝްރޫއު ޑިސްކަސް ކުރެއްވި ކަމަށް. އޭގެތެރޭގައި ރައީސް ކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާވެސް މި މަޝްރޫއު ޑިސްކަސް ކުރެއްވި" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެކުރިންވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ މިއުޅެނީ އެއްވެސް ތަނެއް ވިއްކާލަން ނޫން ކަމަށެވެ. އެވާހަކަފުޅު މިއަދުވެސް ރައީސް ތަކުރާރު ކުރެއްވި އެވެ. ރައީސް ވިދާޅުވީ ސަރުކާރުން އެއްވެސް ބަޔަކަށް ތަނެއް އަމިއްލަ ކުރަން ފުރުސަތު ދޭން ނޫޅޭ ކަމަށެވެ.

މިހާރުވެސް ގާނޫނުތަކުން ތަންތަން 99 އަހަރަށް ދޫކުރަން ބާރު ލިބޭ ކަމަށާއި އެގޮތަށް ބައެއް ރިސޯޓުތައް ދީފައި ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެހެންވީމަ އިދިކޮޅު ފަރާތްތަކުން ކަންބޮޑު އެވަނީ މައުލޫމާތެއް ނޭނގިގެން ސާފުނުވެގެން ނޫން ކަމަށާއި ރާއްޖެއަށް ބޮޑެތި މަޝްރޫއުތައް އަންނާތީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ރަސްގެފާނާ ބައްދަލުވެ "އަޅުގަނޑުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް އަޅުގަނޑުމެންނަށް ފުރުސަތު ލިބޭނެ" ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ބަޔަކު ކިތަންމެ ހުރަސް އަޅަން އުޅުނަށް އަޅުގަނޑުމެންނަށް ލިބެންވާ އެއްޗަކަށް އަޅުގަނޑަކަށް ހިޔެއްނުވޭ ހުރަސް އެޅޭނެ ހެނެއް" ރައީސް ޔާމީން ވިދާޅުވި އެވެ.

ފ. އަތޮޅުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާނެ އެންމެ ބޮޑު އެއް މަޝްރޫއުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް