ވިލުފުށީ ކައުންސިލަށް އެމްޑީޕީން ކުރިމަތިލި ކެންޑިޑޭޓަކު ހައްޔަރުކޮށްފި

ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސައިން އަބްދުއްސަލާމް އާދަމް -- ފޮޓޯ: ފޭސްބުކް

ތ. ވިލުފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ކެންޑިޑޭޓަކު ހައްޔަރުކޮށްފިއެވެ.

މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ފުލުހުން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބްދުއްސަލާމް އާދަމެވެ. އޭނާ ހައްޔަރުކޮށްފައި ވާކަން، ވިލުފުށީ ކައުންސިލުން ސަންއަށް ކަށަވަރުކޮށްދެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ޗެކް ކުރުމަށް ފަހު މައުލޫމާތު އެބަދެން،" ކަމަށެވެ.

އެމްޑީޕީ ވިލުފުށީ ދާއިރާގެ އޮފީހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަބްދުއްސަލާމް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅޭކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ވިލުފުށީ ދާއިރާއަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓުންގެ އަގުވައްޓާލަން ބަޔަކު އަޑީގައިތިބެގެން ރާވައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އެ ބަޔާނުގައިވެއެވެ.

"އެހެންކަމުން ވިލުފުށީ ރަށު ކައުންސިލްގެ ކެންޑިޑޭޓް ހުސައިން އަބްދުއްސަލާމް އާދަމް މިހާރުން މިހާރަށް ދޫކޮށްލުމަށް ކަމާގުޅޭ އެންމެހައި މުއައްސަސާތަކަށް ގޮވާލަމެވެ،" އެމްޑީޕީ ވިލުފުށީ ދާއިރާގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޑިޑެސީ ނެގުމަށް މީހަކު އަންގައިގެން ކަމަށް ބުނެ ކެންޑިޑޭޓުންނަށް ހުށަހެޅުންތައް ހުށަހަޅައި ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ކަމަށާއި އެފަދަ އަމަލުތަކަކީ ޑިމޮކްރެސީއާ ބީރައްޓެހި ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.

އެމްޑީޕީގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވައިގެންނަމަވެސް ޖަލަށްލާނެ ކަމުގެ އިންޒާރު މީގެކުރިން އެކިފަހަރުމަތިންދީފައިވާ ކަމަށް އެ ބަޔަނުގައިވެ އެވެ.

އެފަދަ އަމަލުތައް ހުއްޓާލައި ވާދަވެރި ކެމްޕޭނެއްކޮށް އިންތިޚާބު ކާމިޔާބުކުރުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް