ސަމްޕަތާއި އަޅުގަނޑާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހޭ: ޓެޑް

ނިއުގެ ޖެނެރަލް ސެކްރެޓަރީ ޓެޑް(ކ) އަދި އެސިސްޓަންޓް ކޯޗު ސަމްޕަތު(ވ) --- ފޮޓޯ: ނިއު ރޭޑިއަންޓް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އާއި ޖެނެރަލް ސެކްރެޓަރީ އަހްމަދު ނިޔާޒް (ޓެޑް)އާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޓެޑް ދޮގުކޮށްފިއެވެ.

ޓެޑްއާ ދެމެދު މައްސަލަތަކެއް ޖެހިގެން ސަމްޕަތު އިސްތިއުފާދިން ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، ސަން ސްޕޯޓްސްއަށް މައުލޫމާތުދެއްވަމުން ޓެޑް ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ސަމްޕަތު އިސްތިއުދާދިން ކަމަށް ބުނެ ލިޔުމެއް ފޮނުވާފައެއް ނުވޭ. އަޅުގަނޑާއި ސަމްޕަތާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވާހަކަތައް ދެކެވެމުންދިޔަ ނަމަވެސް، އެއީ ދޮގު ވާހަކަތަކެއް. އަޅުގަނޑާއި ސަމްޕަތާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައެއް ނުވޭ. އެއީ ކްލަބުގެ އަގުވައްޓާލަން ބަޔަކު ފަތުރާ ދޮގު ވާހަކަތަކެއް،" އޭނާ ވިދާޅުވިއެވެ.

ޓެޑް ވިދާޅުވީ، ސަމްޕަތަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި ސަމްޕަތަކީ ފުޓްބޯޅަ ލެޖެންޑެއް ކަމަށެވެ. އަދި ކްލަބުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ނިއުއަކީ މިހާރު އެއްވެސް މައްސަލައެއްނެތި ރާއްޖޭގައި ހިންގާ އެންމެ ބޮޑު ކްލަބުކަމަށް ފަހުރުވެރިކަމާއެކު އަޅުގަނޑު ފާހަގަކޮށްލަން. އެއްވެސް މައްސަލައެއްނެތި ކޮންމެ މަހެއްގެ ކުރީކޮޅު ކުޅުންތެރިންނަށް ކްލަބުން މުސާރަ ވެސް ދެން. އެހެންވީމާ އެކަމުގެ އެއްވެސް މައްސަލައެއް ވެސް މިކްލަބުގައި ނޯންނާނެ،" ޓެޑް ވިދާޅުވިއެވެ.

ނިއުއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނިއުއިން ފަހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ޓެޑް ވިދާޅުވިއެވެ.

މިދިޔަ އަހަރުން ފެށިގެން ނިއުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމު އަދާކުރަމުންދާ ސަމްޕަތު ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސީޒަން ނިމުމަކަށް އަންނަންދެން ނިއުގެ ކޯޗުކަމުގެ މަގާމާ ވެސް ހަވާލުވެފައެވެ. އޭރު ވެސް އެސިސްޓަންޓް ކޯޗުގެ މަގާމު އަދާކުރަމުންދިޔަ ސަމްޕަތު ކޯޗުކަމުގެ މަގާމަށް ހަމަޖެއްސީ ސާބިއާ ކޯޗު ނިކޮލާ ކަވަޒޮވިޗް ދޫކޮށްލުމަށްފަހުއެވެ.

comment ކޮމެންޓް