ރިސޯޓް ހަދަން ދޫކުރި ބެރިންމަދޫ އެހެން ބަޔަކަށް ވިއްކާލަނީ

ހއ. ބެރިންމަދޫ --

ރިސޯޓެއް ތަރައްގީކުރުމަށް އިޓަލީގެ ރައްޔިތަކަށް ކުއްޔަށް ދޫކޮށްފައިވާ ހއ. ބެރިންމަދޫ އެހެން ބަޔަކަށް ދިނުމަށް ނިންމާފައިވާތީ، އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

ހއ. ބެރިންމަދުއަކީ ރިސޯޓެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ލީ ރަށެކެވެ. އެރަށް ކުއްޔަށް ހިފުމަށް ހަތަރު ފަރާތަކުން ކުރިމަތިލި އިރު، އެންމެ މަތީ އެކުއިޒިޝަން ފީއެއް ހުށަހަޅައިގެން އެރަށް ކާމިޔާބުކުރީ އިޓަލީގެ ފްރަންކީން ޖުޒެއްޕޭ ނަމަކަށް ކިޔާ މީހެކެވެ. ދެހާސް ބާރަވަނަ އަހަރު އޭނާއަށް ވަނީ ބެރިންމަދޫ ހަވާލުވެސް ކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ، ބެރިންމަދޫ ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރަން ހުށަހަޅާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 14 ދުވަސް ތެރޭގައި، އެ ރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްނަމަ އެކަން މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން އަންގައިދިނުމަށް އެދޭ ކަމަށެވެ.

ބެރިންމަދޫ ވިއްކާލުމަށް ނިންމާފައިވާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ އިރު، އެރަށުގައި ހަދާ ރިސޯޓުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ދެނެގަނެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް ބެލެވޭ ގޮތުގައި އެތަނުގައި ރިސޯޓު ޑިވެލޮޕްކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ހިނގާފައިވެއެވެ.

comment ކޮމެންޓް