ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިނަލްއަގްވާމީ މާލީ ބާޒާރަށް ނުކުމެ، 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމާ ގުޅޭގޮތުން ބޭރުގެ އިންވެސްޓަރުންނާއެކު މަޝްވަރާތައް ފަށައިފިއެވެ.
މިއީ ބީއެމްއެލްއިން ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި އިންވެސްޓަރުންގެ ޝައުޤުވެރިކަން ހުރި މިންވަރު ބެލުމަށް ކުރާ ފުރަތަމަ މަސައްކަތެވެ.
ބީއެމްއެލްގެ ޑައިރެކްޓާ ފޯ ފައިނޭންޝަލް ސްޓްރެޓެޖީ އެންޑް ޕްލޭނިން ޢަބްދުﷲ ޙަސަން "ބްލޫމްބާގް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، ބޭންކުން އަންނަނީ އޭޝިއާ، މެދުއިރުމަތި އަދި ޔޫރަޕްގެ ފަންޑް މެނޭޖަރުންނާ ބައްދަލުކުރަމުންނެވެ.
މި ބައްދަލުވުންތަކުގެ ބޭނުމަކީ އެ ބޭންކުން ދޫކުރުމަށް ނިންމާފައިވާ އެމެރިކާ ޑޮލަރުގެ ސުކޫކަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުމެވެ. މި މަސައްކަތުގައި އެ ބޭންކަށް އެހީތެރިވަނީ ދުބާއީގައި ހުންނަ މަޝްރިޤް ބޭންކުންނެވެ.
ޢަބްދުﷲ ޙަސަން ވިދާޅުވީ، ބޭންކުން އަމާޒު ހިފާފައިވަނީ ދިވެހި ސަރުކާރުގެ ގެރެންޓީއާއެކު މި ފައިސާ ހޯދުމަށެވެ. މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށް ކަމަށްވާއިރު، ބީއެމްއެލް އަކީ މި ދާއިރާއަށް އެންމެ ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކެވެ.
މޫޑީސް ރޭޓިންގްސްގެ އެނަލިސްޓެއް ކަމަށްވާ މާކަސް ޔޫ "ބްލޫމްބާގް" އަށް ވިދާޅުވި ގޮތުގައި، ދަތުރުފަތުރަށް ކުރިމަތިވާ ހުރަސްތަކާއި ހަކަތައިގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެ، ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
ޢަބްދުﷲ ޙަސަން ފާހަގަކުރެއްވި ގޮތުގައި، މި ސުކޫކުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދުގައި ހުރި ބޭރު ފައިސާގެ މިންވަރު އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.
ޚާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާއި، އަލަށް ދޫކުރާ ރިސޯޓް މަޝްރޫޢުތަކަށް ބޮޑެތި ޢަދަދުތަކުން ބޭރު ފައިސާ ބޭނުންވާއިރު، ބީއެމްއެލްގެ މި ފިޔަވަޅަކީ ބޭނުންތެރި ވަގުތެއްގައި އެޅޭ ފިޔަވަޅެއްކަމަށް ބޭންކުން ބުނެއެވެ.
ދިވެހި ސަރުކާރުން ބީއެމްއެލްގެ 50.8 އިންސައްތަ ހިއްސާ ކުރާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އަންނަނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މޫޑީސްގެ އެނަލިސްޓް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ސީދާ މާލީ ބާޒާރަށް ނުކުމެ ފައިސާ ހޯދުމަށްވުރެ ބޭންކު މެދުވެރިކޮށް މިކަން ކުރުން މިވަގުތު މާ ފަސޭހަވާނެއެވެ.
ސަރުކާރުން ވަނީ ނިމިދިޔަ މަހު 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް ވެސް ފައިސާ އަނބުރާ ދައްކާފައެވެ.