ވެންގާ ބުނީ އާސެނަލްގައި މަޑުކުރާނެ ކަމަށް: ޕުލިސް

އާސެނަލްގެ ކޯޗު އާސެން ވެންގާ(ކ)އާއި ވެސްޓް ބްރޮމްގެ ކޯޗު ޓޯނީ ޕުލިސް(ވ) --- ފޮޓޯ/ ގެޓީ

އާސެނަލްގައި މަޑުކުރާނެ ކަމަށް އެކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފައިވާ ކަމަށް ވެސްޓް ބްރޮމްގެ ކޯޗު ޓޯނީ ފުލިސް ބުނެފިއެވެ.

މިސީޒަނުގައި ވެންގާއާއި އާސެނަލްއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނައިރު، އެކްލަބަށް އެދެވޭ ނަތީޖާތަކެއް މިސީޒަނުގައި ނެރެވިފައެއް ނުވެ އެވެ.

މިސީޒަނުގައި އާސެނަލުން މިހާތަނަށް ނެރެފައިވާ ނަތީޖާތަކަކީ އެ ކްލަބުގެ ކޯޗުކަމުގައި ވެންގާ ހޭދަކުރި 20 އަހަރު ދުވަހުގެ ތެރޭގައި ވެސް ނެރުނު އެންމެ ދަށް ނަތީޖާތަކެވެ. އެ ނަތީޖާތަކާ ގުޅިގެން މިސީޒަން ނިމުމުން ވެންގާއަށް އިތުރު ކޮންޓްރެކްޓެއް އާސެނަލުން ހުށަނާޅާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅެ 3-1 ލަނޑުން އާސެނަލް ބަލިވި ނަމަވެސް، އެކްލަބުގެ ކޯޗުކަމުގެ މަގާމުން ވެންގާ ދުރުވާން ބޭނުންނުވާ ކަމަށް ވެސްޓް ބްރޮމްގެ ކޯޗު ޕުލިސް ބުންޏެވެ.

"އޭނާ ކޯޗުކަމުގެ މަގާމުން ދުރުވެއްޖެއްޔާ އެއީ އަހަރެންނަށް ލިބޭނެ ވަރަށް ބޮޑު ހައިރާންކަމެއް. އޭނާ އަހަރެން ކައިރީ ބުނި އަދި ވެސް ކުރިމަގު އޮތީ އާސެނަލްއާއެކު ކަމަށް،" އޭނާ ބުންޏެވެ.

ވެސްޓް ބްރޮމް އަތުން ބަލިވެ، އާސެނަލް ވަނީ ލީގު ތާވަލުގެ ހަވަނައަށް ވެއްޓިފަ އެވެ. އެގޮތަށް ކަންތައްދިޔަ ކަމަށްވިޔަސް ޕުލިސް ދެކެނީ ވެންގާއަކީ މޮޅު ކޯޗެއްގެ ގޮތުގަ އެވެ. އާސެނަލްގެ ތާރީހުގައި އެކްލަބުގެ އެންމެ ކާމިޔާބު ކޯޗަކީ ވެންގާ ކަމަށް ވެސް ޕުލިސް ބުންޏެވެ.

"އާސެނަލަށް ލީގުގެ ގަދަ ހަތަރެއްގައި ވެސް ނިންމާލެވިދާނެ. އަދި އެފްއޭ ކަޕް ވެސް އެޓީމަށް ކާމިޔާބުކުރެވިދާނެ. އެއީ އެހާ ގޯސް ނަތީޖާއަކަށް ވާނެ ކަމަށް އަހަރެން ނުދެކެން. އާސެނަލުން ނިންމަން ޖެހޭ ނިންމުމަކީ ކޮބައިކަން ބުނެދޭން އަހަރެން މިއީ އެންމެ ރަނގަޅު މީހެއް ނޫން،" އޭނާ ބުންޏެވެ. ​

comment ކޮމެންޓް