ގޯވިންދާގެ 'އާ ގަޔާ ހީރޯ' އަށް "ޒީރޯ"!

ގޯވިންދާ -

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ރަސްކަން ކުރި އެކްޓަރު ގޯވިންދާގެ ފިލްމު 'އާ ގަޔާ ހީރޯ' މިވަނީ މި ހަފްތާގައި ރިލީޒް ކޮށްފަ އެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާ އާއި ދުރުގައި ހުރުމަށް ފަހު، ގޯވިންދާ އެނބުރި އައި ފިލްމެވެ. އެހެންކަމުން އެ ފިލްމާ މެދު އޭނާގެ ސަޕޯޓަރުން ބޮޑު އުންމީދުތަކެއް ކުރި އެވެ.

އެހެން ނަމަވެސް، ފިލްމު ވެގެން ގޮސްފައި މިވަނީ އެއްވެސް އޮއްޓަރެއް ނެތް، ޒަމާނަށް ނުފެތޭ ފޫހި ފިލްމަކަށެވެ.

ކްރިޓިކްސް އަދި ބެލުންތެރިންގެ ފަރާތުން ވެސް ފިލްމަށް އެއްވެސް ތަރުހީބެއް ލިބެމުން ނުދެ އެވެ. ދެ ދުވަހުން އެ ފިލްމަށް ލިބިފައި ވަނީ އެންމެ 50 ލައްކަ ރުޕީޒް އެވެ.

ފިލްމު ޕްރޮމޯޓު ކުރުމަށް ގޯވިންދާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ފިލްމަށް އެއްވެސް ރަނގަޅު ފީޑްބެކެއް ވެސް ލިބިފައެއް ނުވެ އެވެ.

ފިލްމު ރިވިއު ކުރާ ފަރާތްތަކުން ވަނީ ފިލްމުގެ ނަން ކިތަންމެ "ހީރޯ" ނަމަވެސް، ފިލްމަކީ "ޒީރޯ"އެއް ކަމަށް ބުނެފަ އެވެ. އެގޮތުން 123 މިނެޓުގެ ފިލްމުގެ ޕްލޮޓް އޮޅުން ނުފިލާ ކަމަށާއި، އެއް ސީން އަނެއް ސީން އާ އެއްވެސް ގުޅުމެއް ނުވާ ކަމަށް ވެސް ބުނެފަ އެވެ.

'އާ ގަޔާ ހީރޯ' ޕްރޮޑިއުސްކޮށް، ވާހަކަ ލިޔެ، ސްކްރީންޕްލޭ އަދި ޑައިލޮގުތައް ވެސް ލިޔެފައި ވަނީ ގޯވިންދާ އެވެ. އަދި ފިލްމުގައި ހަ ލަވަ ހިމެނޭ އިރު، ގޯވިންދާގެ ނެށުން ވެސް ހިމެނެ އެވެ.

އެހެން ނަމަވެސް، މިހާރު އޮތީ ނުވަދިހައިގެ އަހަރުތަކުގައި އޮތް އޯޑިއެންސް ނޫން ކަން ގޯވިންދާ ހަނދާން ނެތް ކަމަށް ގިނަ ރިވިއުތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފިލްމަކީ ގޯވިންދާ އަމިއްލަ އަށް އޭނާ އަށް ކުރި މަލާމާތެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް