ޝާހިދު، ވިޝާލް ބަރަދުވާޖްއަށް ކުޅެދޭ ފިލްމަކީ އެކްޝަން ފިލްމެއް

ޝާހިދުގެ ފިލްމު "އޯ ރޯމިއޯ"ގެ ފަސްޓް ލުކް ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު ސޮއިކޮށް މިހާރު މަސައްކަތް ވެސް ނިމިފައިވާ ފިލްމު "އޯ ރޯމިއޯ"އަކީ ލޯބީގެ ފިލްމަކަށްވުރެ ބޮޑަށް އޭގައި އެކްޝަން ހިމެނޭނެ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޝާހިދުގެ ފިލްމު "ކަމީނޭ"ގެ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖުއާ އެކު އެކްޓަރު މަސައްކަތްކުރާ "އޯ ރޯމިއޯ"އަކީ ލޯބީގެ ފިލްމެއް ނަމަވެސް އެއީ ވަރަށް ވަރުގަދަ އެކްޝަން ފިލްމަކަށްވާނެ ކަމަށް ވިޝާލް ވަނީ މިދިޔަ ހަފްތާގެތެރޭ މީޑީއާއަށް ދިން އިންޓަވިއުއެއްގައި ވެސް ބުނެފައެވެ.

ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރާ ހަތަރު ވަނަ ފިލްމުގައި ޖޫލިއަޓްއެއް ހިމެނޭނެ ކަމަށާއި އެހެންވެ ވަރަށް ގިނަ ބަޔަކަށް ހީވެފައި އޮތީ ފިލްމު ބިނާވެފައި އޮންނާނީ މުޅިންވެސް ލޯބީގެ ހާދިސާތަކަށް ކަމަށް ޝާހިދު ވަނީ ބުނެފައެވެ.

ޑައިރެކްޓަރި ވިޝާލް ބަރަދުވާޖް އަދި ޝާހިދު ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ނަމަވެސް އެއީ މިހާތަނަށް ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރާ އެންމެ ޑިޕްލޮމެޓިކް ފިލްމު ކަމަށާއި ލޯބީގެ ރަހަތަކަށްވުރެ ސިނަމަތާކުގައި އެކްޝަން ސީންތަކުގެ އަޑު މާގަދަވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ވެސް ބެލުންތެރިންނަށް ދައްކާލާފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭގައެވެ. ޝާހިދުއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ތުރިޕްތީ ދިމްރީއެވެ.

މީގެއިތުރުން އެކްޓަރު ނާނާ ޕަޓޭކަރު އަދި އަވީނާޝް ތިވާރީ ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ. ސާޖިދު ނަދިއަދުވާލާގެ ފިލްމު ކުންފުނިން ޕްރޮޑިއުސްކޮށް ގެނެސްދޭ މި ފިލްމުގެ ވަރަށް ގިނަ މަންޒަރުތައް ނަގާފައި ވަނީ ސްޕެއިންގައެވެ. ޝާހިދު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ފިލްމު "ދޭވާ"އިންނެވެ.

comment ކޮމެންޓް