ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށް ސައުދީ މީހުންނަށް އިލްތިމާސްކޮށްފި

ސްވައިން ފްލޫ ފެތުރެމުންދާތީ ސާޖިކަލް މާސްކު އަޅައިގެން މާލޭގެ މަގުމަތީގައި ބަޔަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ވައިރަސް ނުވަތަ ސްވައިން ފްލޫގެ ހާލަތު ރަނގަޅު ނުވަނީސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ސައުދީ ރައްޔިތުން ރާއްޖެއަށް ނުކުރުމަށް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީއިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގައި ސްވައިން ފްލޫ ހަލުއިކަމާއެކު ފެތުރެމުންދާ މި ހާލަތުގައި ސައުދީ އެމްބަސީން އެ ގައުމުގެ ރައްޔިތުންނަށް އެހެން އިލްތިމާސްކޮށްފައިވާ އިރު، އިއްޔެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަައުދު ވެސް ވަނީ އެމަނިކުފާނުގެ ރާއްޖެ ދަތުރުފުޅު ކެންސަލްކުރައްވައި، އެނބުރި ގައުމަށް ވަޑައިގެންފައެވެ.

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން އަރަބި ބަހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ސްވައިން ފްލޫ ފެތުރެމުންދާތީ ރާއްޖޭގައި އުޅޭ ސައުދީ ރައްޔިތުން ސަމާލުވެ އުޅުމަށް އިލްތިމާސް ކޮށްފައެވެ.

އެގޮތުން، ސައުދީ ރައްޔިތުން ރާއްޖޭގައި އުޅޭ އިރު މާސްކު އަޅައިގެން އުޅުމަށާއި، ހޭންޑް ސެނިޓައިޒަރާއި ޑިސްއިންފެކްޓަންޓްސް ފަދަ ތަކެތި ބޭނުންކުރުމަށް ސައުދީ އެމްބަސީން އިރުޝާދު ދީފައިވެއެވެ. އަދި އާންމު ތަންތަނަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.

މީގެ އިތުރުން، މިދުވަސްވަރު ރާއްޖެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވެސް ސައުދީ އެމްބަސީން ވަނީ، ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

ސްވައިން ފްލޫ ރާއްޖޭގައި ފެތުރެމުންދާ އިރު، މިހާތަނަށް އެ ބަލީގެ ވައިރަސް، އެޗްވަންއެންވަންއަށް 375 މީހަކު އިއްޔެގެ ނިޔަލަށް ޓެސްޓުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން 123 މީހަކު ސްވައިން ފްލޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް