ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މާދަމާ ރާއްޖެ އަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު، ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ސްވައިން ފުލޫގެ ސަބަބުން ފަސްކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ދާދިދެންމެ އަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅު ފަސް ކުރެއްވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާ އާ ގުޅިގެން ކަމަށެވެ.
"ދިވެހި ރާއްޖޭގައި މިހާރު ފެތުރެމުންދާ ފުލޫގެ ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު ދިވެހި ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ވާހަކަ ތިޔަ އެންމެހާ ބޭފުޅުންގެ މައުލުމާތަށް ޓަކައި ދަންނަވަން،" ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ދަތުރުފުޅު ފަސްކުރެއްވީ ކޮން ތާރީހަކަށް ކަމެއް ފޮރިން މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
"މިދަތުރުފުޅު ފަހުގެ ތާރީހަކަށް ހަމަޖެހުމުން އިއުލާނު ކުރާނެ ވާހަކަ ވެސް ދަންނަވަން. ދިވެހި ރާއްޖެ އާއި ސައުދީ އަރަބިޔާއަކީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމު،" މިނިސްޓަރު ވިދާޅުވި އެވެ.
ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވި އިރު، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ތައްޔާރީތަކެއް ދިވެހި ސަރުކާރުން ދިޔައީ ވަމުންނެވެ. އެގޮތުން މާލޭ ރަސްމީ ފާލަން ސަރަހައްދު ވަރަށް ބޮޑަށް ޒީނަތްތެރި ކުރުން ހިމެނެ އެވެ. އަދި އެ ސަރަހައްދުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށް ތަފާތު އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ.
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރެއްވި އިރު، އެ މަނިކުފާނާއި އަދި އެމަނިކުފާނާ އެކު ރާއްޖެ ޒިޔާރަތް ކުރުމަށް ހަމަޖެއްސި ވަފުދުގެ ބޭފުޅުން ތިއްބެވުމަށް ރާއްޖޭގެ ރީތި ރަށް ރިސޯޓާއި އަދި އިތުރު ރިސޯޓެއް ވަނީ ބްކްކޮށްފަ އެވެ. އަދި އެ ބޭފުޅުންނަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ.
ރަސްގެފާނު ރާއްޖޭގެ ދަތުރު ފަސް ކުރެއްވި އިރު، މީގެ ތިން ހަފުތާ ކުރިން އެ މަނިކުފާނު އޭޝިޔާގެ ދަތުރުފުޅުގައި މެލޭޝިޔާ، އިންޑޮނީޝިއާ، ޖަޕާން އަދި ޗައިނާ އަށް ވަނީ ވަޑައިގެންފަ އެވެ.