"ވިޝްކާ" އަންނަ އަންގާރަ ދުވަހުގެ ރޭ ނޮޅިވަރަމްގައި، ރިޝްމީ އަދި ރަވީ ބައިވެރިވާނެ!

"ވިޝްކާ" ގެ ޕޯސްޓަރެއް---

ޔާރާ ޕްރޮޑަކްޝަންގެ ފަރާތުން އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ލީޑު ރޯލުވެސް ކުޅެފައިވާ "ވިޝްކާ"ގެ ޝޯތައް މާލޭގައި ދައްކަމުންދާއިރު އަންނަ އަންގާރަ ދުވަހުގެ ރޭ ހދ. ނޮޅިވަރަމްގައި އެ ފިލްމު އަޅުވާ ގޮތަށް ހަމަޖައްސައިފިއެވެ. އެރޭ ފިލްމު އެރަށުގައި އަޅުވާއިރު ފިލްމުގެ ޑައިރެކްޓަރު ރަވީ ފާރޫގާއި ރިޝްމީ ބައިވެރިވާނެއެވެ.

'ަސަން' އަށް މައުލޫމާތުދެމުން ރިޝްމީ ބުނީ، "ވިޝްކާ" އަޅުވަން ވަރަށް ގިނަ ރަށްރަށުން ނަން ނޯޓު ކުރަމުންދާކަމަށާއި އެ ފިލްމަަށް ލިބޭ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އަދި ނޮޅިވަރަމްގައި ފިލްމު އަޅުވަން އެރަށަށް ދާނެ ކަމަށްވެސް އޭނާ ބުންޏެވެ.

" މިހާރުވެސް އެބަ ގުޅާ ބައެއް ރަށްރަށުން. ވަރަށް ތަރުހީބު ބޮޑު. އަޅުގަނޑުމެން ވަގުތު ވާވަރުން ހަމަ ގިނަ ރަށްރަށުގަ ދައްކާ ގޮތަށް މި ތިބި،" ރިޝްމީ ބުންޏެވެ.

ކްރައިމް ތުރިލާ އެއްގެ މައްޗަށް ހަދާފައިވާ "ވިޝްކާ" ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހދ. ކުޅުދުއްފުށީ ގައިވެސް އަޅުވާފައެވެ.

ވިޝްކާގެ ޓްރެއިލާ އެއް----

ރިޝްމީ ބުނީ، މާލޭގެ ޝޯތައް އަދިވެސް ކުރިޔަށްދާ ކަމަށާއި ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރުން އަދިވެސް ޝޯތައް ކުރިޔަށް ގެންދާނެ ކަަމަށެވެ.

ލ. އަޮތޮޅާއި، ޅ. އަތޮޅުގެ ބައެއް ރަށްރަށުގައާއި ބައެއް ރިިސޯޓް ތަކުންވެސް ފިލްމު އެޅުވުމަށް އެދިފައިވާކަމަށާއި ވަރަށް އަވަހަށް އެ ރަށްރަށުގައި ވެސް ފިލްމު އަޅުވަން ފަށާނެ ކަަމަށް ރިޝްމީ ބުންޏެވެ.

" އާބާދީ ބޮޑެތި ރަށްރަށުންވެސް އެދެމުންދަނީ ފިލްމު އަޅުވައި ދިނުމަށް. ދެން ފިލްމު އަޅުވަން ބޭނުން ރަށްރަށުން ހަމަ ވިޝްކާގެ ފޭސްބުކް ޕޭޖަށް މެސެޖް ކޮށްފަ އެދުނީމަ ހަމަ އަޅުވާގޮތަށް މި ތިބީ،" ރިޝްމީ ބުންޏެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހު ރިލީޒްކޮށްފައިވާ "ވިޝްކާ" އަކީ މާރާމާރީ ތަކާއި ވައްކަން ކުރުމުގައި ރަނގަޅަށް ބަނދެވިފައި ހުރި މީހެއްގެ ދިރިއުޅުން ދައްކައިދޭ ފިލްމެކެވެ.

މި ފިލްމު ތައްޔާރު ކޮށްފައިވަނީ 18 އަހަރުން މަތީގެ މީހުންނަށެވެ.

comment ކޮމެންޓް