ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރުދޭ، ގާނޫނީ ފިޔަވަޅު އަޅާނަން: ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ ބައެއް ނޫސްވެރިން ޓެރަރިޒަމަށް ހިތްވަރު ލިބޭ ލިޔުންތައް ލިޔަމުންދާ ކަމަށާއި އެފަދަ ލިޔުންތައް ލިޔާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ސޮއިކުރައްވައި މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށާއި ދައުލަތުގެ ތިން ބާރުގެ އަގުވައްޓާލައި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ބައެއް ނޫސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަން ހުއްޓާލުމަށް ނޫސްވެރިންނަށް ގޮވާލާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އަދި އެފަދަ ލިޔުންތައް ލިޔުއްވައިގެން، ދިވެހި ދައުލަތުގެ އަމަންއާންމާއި އިސްތިގުރާރު ނަގާލައި، ދިވެހި ދައުލަތުގެ ސިޔާދަތަށް ބުރޫއަރާ ފަދަ އަމަލުތައް ކުރައްވާ ކޮންމެ މީހަކާ މެދު މި ކޯޓުން ގާނޫނީ ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދެންނެވީމެވެ،" ކްރިމިނަލް ކޯޓުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.

ރާއްޖޭގައި އަމާންކަން ގާއިމްވެފައި ވަނީ ދިވެހި ދައުލަތުގެ އިސްވެރިންނާއި ރާއްޖެއަށް ހެވާއި ލާބަޔަށް އެދޭ ގިނަ ބައެއްގެ މަސައްކަތުން ކަމަށް ވެސް އެ ނޫސް ބަޔަނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް