އަގުއެރޯއަކީ މޮޅު ސްޓްރައިކަރެއް، އެކަމަކު އޭނާ ދެކެ ބިރެއް ނުގަނޭ: ކްލެވަން

މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ސްޓްރައިކަރެއް ކަމަށްވިޔަސް، އޭނާ ދެކެ ބިރު ނުގަންނަ ކަމަށް ލިވަޕޫލްގެ ޑިފެންޑަރު ރެގްނާ ކްލެވަން ބުނެފިއެވެ.

ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ސިޓީން ނުކުންނައިރު، އެޓީމުން އެންމެ ފޯމުގައި ހުރި ކުޅުންތެރިޔަކީ އަގުއެރޯއެވެ. ލީގުގައި ސިޓީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް އަގުއެރޯ ވަނީ ލަނޑު ޖަހައިފައެވެ.

ލިވަޕޫލްގެ ޑިފެންސް ލައިންގައި ކްލެވަން ކުޅެމުންދަނީ ޑެޖަން ލޮވްރެންއާއެކުއެވެ. މިދިޔަ ޑިސެމްބަރު މަހު އެކްލަބާ ގުޅުނު ކްލެވަން ވަނީ މިސީޒަނުގެ ލީގުގައި ސިޓީއާއި ލިވަޕޫލް ބައްދަލުކުރި ފުރަތަމަ މެޗުގައި ވެސް ކުޅެފައެވެ.

"އަހަރެން ދެކެނީ ބިރު އެއީ ކިޔަން އެންމެ ރަނގަޅު ބަސް ނޫން ކަމަށް. އޭނާއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ސްޓްރައިކަރެއް. އެކަމަކު ޕްރިމިއާ ލީގުގެ އެހެން ޓީމުތަކުގައި ވެސް އެ ފެންވަރުގެ ސްޓްރައިކަރުން އެބަ ތިބި. އެމީހުންނާ ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ ހިތްހަމަޖެހޭ ކަމެއް. އަހަރެންނާ ދެކޮޅަށް ކުޅޭ ކޮންމެ ސްޓްރައިކަރަކަށް ވެސް އަހަރެން އިހުތިރާމްކުރަން،" ކްލެވަން ބުންޏެވެ.

ކްލެވަން ބުނީ، ޑިސެމްބަރު މަހު ސިޓީއާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ރަނގަޅު މެޗެއް ކަމަށާއި އެ މެޗަކީ އަގުއެރޯއާ ދެކޮޅަށް ވެސް އޭނާ ނުކުތް ފުރަތަމަ މެޗު ކަމަށެވެ. އަދި އަގުއެރޯއަކީ މޮޅު ކުޅުންތެރިއެއްކަން އޭނާ ސާބިތުކޮށްދިން ކަމަށް ވެސް ކްލެވަން ބުންޏެވެ.

ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:30ގައެވެ. އެ މެޗަށް ނުކުންނައިރު، ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން ލިބުނު 55 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި ކުޅުނު 27 މެޗުން ލިބުނު 56 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް