ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާއާއި ހުމާ ގުޅިގެން އަތޮޅު ތެރެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ޚާއްސަ ޑިސްޓްރިބިއުޝަން މަރުކަޒެއް ގާއިމްކޮށްފިއެވެ.
އެ މަރުކަޒު ގާއިމް ކުރީ ޣިޔާސުއްދީން ސްކޫލު ހޯލުގައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، ހުމާ ރޯގާއިން ރައްކާތެރިވުމަށް ބޭނުންވާ ބޭސް، އެމަރުކަޒު މެދުވެރިކޮށް އަތޮޅުތެރޭގައި ހުރި އެކުންފުނީގެ ފާމަސީތަކަށް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ ކަމަށެވެ.
ޝަހީރު ވިދާޅުވި ގޮތުގައި އެ މަރުކަޒު ގާއިމް ކުރުމުގެ ބޭނުމަކީ އެ ކުންފުނީގެ ގުދަން ތަކުގައި ކުރާ މަސައްކަތްތައް ފަސޭހަކަމާއެކު ކުރުމެވެ. އަދި އެ މަރުކަޒަކީ، އަތޮޅު ތެރެއަށް ބޭސް ފޮނުވުމަށްޓަކައި ގުދަންތަކުގައި ހިންގާ އޮޕަރޭޝަންސްތައް "އެފިޝަންޓު" ގޮތަކަށް ހިންގުމުގެ ބޭނުމުގައި ގާއިމް ކުރި ސެންޓަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އާންމު ހުރިހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން އެސްޓީއޯގެ އަތޮޅު ތެރޭގަ ހެދިފައިވާ ހުރިހާ ފާމަސީއަކުން ރޯގާއަށް ބޭނުންވާ ހުރިހާ ބޭހެއް ހުސްނުވެ ބަރާބަރަށް ލިބެން ހުންނާނެ. އަދި ރީޖަނަލް ހޮސްޕިޓަލްތަކުގަ އެސްޓީއޯގެ ބޮޑު ސްޓޮކެއް ބެހެއްޓިފައި ހުންނާނެ. ބޭސް ފިހާރަތަކުން ބޭސް މަދުވަމުންދާ ވަރަކަށް މި ސެންޓަރުން އެ ބޭސް ފޮނުވަމުންދާނެ،" ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ބޭހުގެ ޑިމާންޑު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ. އަދި ޑިމާންޑް މައްޗަށް ދާވަރަކަށް އެއާ ފްރެއިޓްކޮށް ބޭސް ގަވާއިދުން ގެންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކުންފުނިން ބުނި ގޮތުގައި މި ދުވަސްކޮޅު ރޯގާއާ ހުމަށް ބޭނުންވާ ބޭސްތަކުގެ ޑިމާންޑު ވަނީ 30 އާއި 40 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މައްޗަށް ގޮސްފައެވެ.