ޗައިނާގެ އިގްތިޞާދު ވަރުގަދަކުރުމަށްޓަކައި އިތުރު 136 އެއަރޕޯޓް ބިނާކުރަނީ

ޗައިނާގައި އަަލަށް ބިނާކުރާ އެއަރޕޯޓްތަކުގެ ތެރެއިން އެއަރޕޯޓެއް

ބެއިޖިންގް (މާޗް 18): ޗައިނާގެ އިގްތިސާދު ވަރުގަދަކުރުމަށް ޓަކައި އިތުރު 136 އެއާރޕޯޓް ބިނާކުރަން ގަސްދުކުރާކަން އެގައުމުން ހާމަކޮށްފިއެވެ.

ޗައިނާ ސަރުކާރާ ހަވާލާދީ އެގައުމުގެ ޒިންހުވާ ނޫސްއެޖެންސީ ބުނާގޮތުން މި 136 އެއަރޕޯޓް ބިނާކުރާނީ ޗައިނާގައި އެއަރޕޯޓްތައް މަދު ސަރަހައްދުތަކުގައެވެ. މިހާރު ޕްލޭންކޮށްފައިވާގޮތުން މި 136 އެއަރޕޯޓް ބިނާކޮށް ނިމޭނީ 2030 ގައެވެ. ޗައިނާގައި މިހާރުވެސް 207 އެއަރޕޯޓް އޮވެއެވެ. މީގެތެރޭގައި ގިނައީ ޑޮމެސްޓިކް އެއަރޕޯޓްތަކެވެ.

އަލަށް ބިނާކުރާ 136 އެއަރޕޯޓް ބިނާކޮށް ނިމުމުން ޗައިނާގައި 343 އެއަރޕޯޓް އޮންނާނެއެވެ. މިއާއެކު އެންމެ އެއަރޕޯޓް ގިނަ ގައުމަކަށް ޗައިނާ ވެގެންދާނެއެވެ. ޗައިނާގެ އެއަރޕޯޓްތަކުން 2015 ވަނަ އަހަރު ގާތްގަނޑަކަށް އެއްބިލިޔަން މީހުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދްމަތްތައް ދީފައިވާއިރު މީގެތެރޭގައި ގިނައީ ޗައިނާގެ ރައްޔިތުންނެވެ. 2020 ގައި ޗައިނާގައި 260 އެއަރޕޯޓް އޮންނާނެކަމަށް ބެލެވިފައިވާއިރު އެހިސާބަށް ދާއިރު އަހަރެއްގެ މައްޗަށް 1.5 ބިލިޔަން މީހުން މި އެއަރޕޯޓްތަކުގެ ބޭނުންކުރާނެކަމަށް އެގައުމުން ލަފާކޮށްފައިވެއެވެ.

ޗައިނާއިން އެގައުމުގައި އެއަރޕޯޓްތައް އާދަޔާ ޚިލާފަށް ގިނަ ކުރަންފެށީ 2008 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ވިޔަފާރީގެ މުއާމަލާތައް އިތުރުކުރުމަށާއި ލޯކަލް ޓޫރިޒަމާއި އިންޓަނޭޝަނަލް ޓޫރިޒަމް އާލާކޮށް އެކަމުން ލިބޭ ނަފާތައް އިތުރުކުރުމަށް ޗައިނާ ގެންގުޅެންފެށި ސްޓްރެޓީޖިކް ސިޔާސަތުގެ ދަށުންނެވެ. މިސިޔާސަތުގެ ދަށުން ފާއިތުވި އަށް އަހަރު ތެރޭގައި 90 އަށްވުރެ ގިނަ އެއަރޕޯޓް ބިނާކޮށް އެގައުމުންވަނީ އެތަންތަން ޚިދްމަތަށް ނެރެފައެވެ.

ޗައިނާގެ ގައުމީ އާމްދަނީ އަހަރުން އަހަރަށް ކުރިއެރުމުގައި މިއެއަރޕޯޓްތަކުގެ ދައުރު ވަރަށް ބޮޑެވެ. ޗައިނާގެ އިގްތިސާދީ ދުވެއްޔަކީ މުޅި ދުނިޔޭގައިވެސް އެންމެ ހަލުއި އިގްތިސާދީ ދުވެއްޔެވެ. އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދީ ދުވެއްޔަށްވުރެ ދެގުނަ މަތީ ދުވެއްޔެއްގައި ޗައިނާގެ އިގްތިސާދު ކުރިޔަށްދާތާ ފަނަރަ ވަރަކަށް އަހަރު ވެފައިވެއެވެ. ނަތީޖާއަކީ ފަހަތުން އަރައި ޖަޕާނާއި ޖަރުމަނާއި އެމެރިކާގެ މައްޗަށް އިގްތިސާދީގޮތުން ޗައިނާ ކުރިހޯދުމެވެ.

މިހާރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަކީ ޗައިނާގެ އިގްތިސާދެވެ. އިގްތިސާދީ ދުވެލި ހަލުއިކޮށް ޖީޑީޕީ ގްރޯތު ރޭޓް މަތިކުރުމަށްޓަކައި ޗައިނާ އިސްކަން ދިނީ އެއަރޕޯޓްތަކާއި ކަނޑުގެ ބަނދަނރުތަކާއި މަގުތަކާއި ބްރިޖްތަކާއި ރޭލްވޭތައްފަދަ މަދަނީ އިންފްރާސްޓަރަކްޗަރ ވަރުގަދަ ކުރުމަށެވެ. މަދަނީ އިންފްރާސްޓަރަކްޗަރ އިތުރުކޮށް އޭގެ ވަސީލަތްތައް ވަރުގަދަ ކުރުމުގެ މަޝްރޫއުތަކަށް ކޮންމެއަހަރަކު އެތަށް ސަތޭކަ ބިލިޔަން ޑޮލަރެއް ޗައިނާ އިން ޚަރަދުކުރަމުން ގެންދެއެވެ. (ޒިންހުވާ)

comment ކޮމެންޓް