ރަސްގެފާނުގެ ދަތުރުފުޅު ފަސްކުރުމާ އެކު ވެލާނާ އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް މާދަމާ އޮންނާނެ

ވެލާނާ އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ ތެރެއިން އެއާޕޯޓުގެ މަންޒަރެއް ----ސަން ފޮޓޯ: މުހައްމަދު އަފްރާހް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދުގެ ރާއްޖެ ދަތުރުފުޅު ފަސްކުރެއްވުމާ އެކު، މާދަމާ ވެލާނާ އިންޓާނޭޝާނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު އުސޫލުން ހިނގަމުންދާނެއެވެ.

ރަސްގެފާނު ސަލްމާން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މާދަމާއެވެ. ނަމަވެސް ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާގެ ސަބަބުން ރަސްގެފާނުގެ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ ވިދާޅުވެފައެވެ.

ރަސްގެފާނު މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މާދަމާ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ކުރިން އޮތީ ހަމަޖެހިފައެވެ.

ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް "ސަން" އަށް ވިދާޅުވި ގޮތުގައި، ދަތުރުފުޅު ފަސްކުރެއްވުމުން، މާދަމާ އެއާޕޯޓުގެ އޮޕަރޭޝަންތައް އާންމު ގޮތުގައި އޮންނާނެއެވެ.

އެއާޕޯޓު ތިން ގަޑިއިރަށް ބަންދު ކުރާތީ އެވަގުތު އޮންނަ ފްލައިޓުތައް މީގެ ކުރިން ކެންސަލް ކޮށްފައި އޮތް ބައެއް އެއާލައިންތަކުން ވަނީ އަލުން ޝެޑިއުލް ކޮށްފައެވެ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ރާއްޖޭގައި -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އެގޮތުން، ސްރީލަންކަން އެއާލައިންސްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި، މާދަމާ މެންދުރުފަހު 3:00 ގައި އޮންނަ އެ އެއާލައިނުގެ މާލެ-ކޮލޮމްބޯ ފްލައިޓު ޔޫއެލް116 ކުރިން ކެންސަލް ކޮށްފައި އޮތް ނަމަވެސް، މާދަމާ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ފްލައިޓުގެ ޓިކެޓުވެސް މިހާރު ދަނީ ވިއްކަމުންނެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ރަސްގެފާނުގެ ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށާއި، ފަހުގެ ތާރީޚަކަށް ހަމަޖައްސާނެ ކަމަށާއި، ހަމަޖެހުމުން އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.

"ދިވެހި ރާއްޖޭގައި މިހާރު ފެތުރެމުންދާ ފުލޫގެ ރޯގާއާ ގުޅިގެން ސައުދީ ރަސްގެފާނު ދިވެހި ރާއްޖެ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ވާހަކަ ތިޔަ އެންމެހާ ބޭފުޅުންގެ މައުލުމާތަށް ޓަކައި ދަންނަވަން. މިދަތުރުފުޅު ފަހުގެ ތާރީހަކަށް ހަމަޖެހުމުން އިއުލާނު ކުރާނެ ވާހަކަ ވެސް ދަންނަވަން. ދިވެހި ރާއްޖެ އާއި ސައުދީ އަރަބިޔާއަކީ ވަރަށް ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމު،" ފޮރިން މިނިސްޓަރު އާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް