އުތުރުގެ ރަށްތަކަށް ކާޑު ހިފައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ކާޑު ބަރުކޮށްގެން ދިޔަ "އިނާ" ދޯނި ފަރަށް އަރާފައި --- ފޮޓޯ/ އެމްއެންޑީއެފް

އެސްޓީއޯއިން ކާޑު ބަރުކޮށްގެން ދިޔަ "އިނާ" ނަމަކަށް ކިޔާ ދޯންޏެއް މާލެ އަތޮޅު މަކުނުދޫ އައިލެންޑް ރިސޯޓުގެ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 3:16 ގައި ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލިބުމާ އެކު ޑައިވަރުންނާއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނި ފަރަށް އަރާފައިވަނީ އުތުރުގެ ރަށްތަކަށް ކާޑު ހިފައިގެން ދަތުރުކުރަމުން ދަނިކޮށް މަކުނުދޫ ރިސޯޓުގެ ހުޅަނގު ދެކުނު ފަރަށެވެ. އެ ދޯނި ފަރަށް އެރި އިރު ދޯނީގައި 1800 ބަސްތާ ކާޑު ހުއްޓެވެ.

އެ ދޯނީގައި ހުރި ގިނަ އަދަދެއްގެ ކާޑު ދޯނި އަރި އަޅައިލުމުގެ ސަބަބުން މޫދަށް އެޅިފައިވާއިރު، ލޮނުގައި ނުޖެހި ސަލާމަތުން ހުރި ބަސްތާތައް ނަގަމުން ދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯނިން ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކޮށްފައިވާ އިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ފަރަށް އެރުމުގެ ސަބަބުން އެ ދޯނި ވަރަށް ބޮޑަށް ދިޔަ ވެފައިވާ ކަމަށާއި، ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް