'ލަކްނައު ސެންޓްރަލް' ގައި ކްރިތީގެ ބަދަލުގައި ޑަޔާނާ ޕެންޓީ!

ފަރްޚާން އަޚްތަރުގެ ކުރިއަށް އޮތް ފިލްމު 'ލަކްނައު ސެންޓްރަލް' ގައި ކްރިޓީ ސަނޯން އަންހެން ލީޑު ކުޅޭގޮތަށް ކުރިން ހަމަޖެހުނު ނަމަވެސް، މިހާރު އެ ރޯލަށް 'ހެޕީ ބާގް ޖާއެގީ' ގެ ތަރި ޑަޔާނާ ޕެންޓީ ހަމަޖައްސައިފި އެވެ.

ކްރިތީގެ ބަދަލުގައި އެ ރޯލަށް ޑަޔާނާ ހަމަޖެއްސީ، ކްރިތީ އަށް ފިލްމަށް ވަގުތު ދެވެން ނެތުމުން، އޭނާ ފިލްމު ދޫކޮށްލުމުންނެވެ.

ކްރިތީ ފިލްމު ދޫކޮށްލުމާ އެކު ދެން އެ ރޯލުން ފެނިގެން ދާނީ 'މިރްޒިޔާ' ގެ ބަތަލާ ސަޔާމީ ޚެއިރު ކަމަށް ވެސް ޚަބަރުތައް ބުންޏެވެ. ނަމަވެސް ޑަޔާނާ ވަނީ އޭނާ ކުރި ޕޯސްޓެއްގައި، ފިލްމަށް ސޮއިކޮށްފައިވާ ކަން ޔަގީންކޮށްދީފަ އެވެ.

ޑަޔާނާ ބުނީ ފިލްމުގެ ޕްރޮޑިއުސަރު ނިކިލް އަދްވާނީ އާ ބައްދަލު ކުރުމުން، ނިކިލް އޭނާ އަށް ފިލްމު ޚުލާސާ ކޮށްލަ ދިން ކަމަށާއި، އެހިސާބުން ފިލްމަށް ޝައުގުވެރިވީ ކަމަށެވެ.

އަދި އެއަށް ފަހު ޑައިރެކްޓަރު ރަންޖީތު ތިވާރީ އާ ބައްދަލުވެ، ފިލްމުގެ ސްކްރިޕްޓު ކިޔާލުމުން، ފިލްމުގެ ހިއްސާ އަކަށް ވާން ބޭނުންވި ކަމަށް ޑަޔާނާ ބުންޏެވެ.

މިއީ ޑަޔާނާ އާއި ފަރްހާން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ޑަޔާނާ ބުނީ ކުރިން ބައްދަލުވެފައި ނެތް ނަމަވެސް، ފަރްހާން އަކީ މިޔުޒިޝަނެއްގެ ހައިސިއްޔަތުންނާއި، އެކްޓަރެއް، ލިޔުންތެރިއެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުން ވެސް ވަރަށް އިހުތިރާމު ކުރާ މީހެއް ކަމަށެވެ.

'ލަކްނައު ސެންޓްރަލް' އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި ފެނިގެން ދާނީ، މަރުގެ ހުކުމް އިއްވުމަށް ފަހު ލަކްނައު ސެންޓްރަލް ޖަލުގައި ތިބި ގައިދީންތަކެއްގެ ވާހަކަ އެވެ.

އެ ފިލްމުގައި ޑަޔާނާ އަދާކުރާނީ އެންޖީއޯ އެއްގައި މަސައްކަތް ކުރާ މީހެއްގެ ރޯލެވެ.

comment ކޮމެންޓް