ބަލީގައި ހަތް އަހަރު، ކިޑްނީ ބަދަލުކުރަން މަޖުބޫރުވެފައި

އަހުމަދު: އޭނާ ކިޑްނީ ބަލީގައި އުޅޭތާ ހަތް އަހަރުވަނީ ވެފަ-- ސަން ފޮޓޯ

ދ.މީދޫ، ނޫވިލް، 57، އަހުމަދު ރިޒާ(ކުޑަ އަހުމަދު) އަކީ މަސްވެރިއެކެވެ. އޭނާގެ ހަމައެކަނި ދަރިފުޅަކީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖެކެވެ. އޭނާގެ ޒިންމާއަކީ އެ ކުއްޖާ އާއި އަންހެނުން ބެލެހެއްޓުމެވެ. އެހެން އުޅުމުގެ ތެރެއިން މީގެ އަތް އަހަރުކުރިން ކުއްލި ސިއްހީ މައްސަލައެއް ކުރިމަތިވިއެވެ.

"އެއްޗެއް ހިފުމުން ތަދެއް އެރީ ބުރަކައްޓަށް، ރަށަށް ޑޮކްޓަރަށް ދައްކައިގެން އުޅެއުޅެ ރަނގަޅެއް ނުވި، ދެން މާލެ އައުމުން ދިނީ ބޮޑު ގަނޑެއް ދީފަ ބުނީ ޓެސްޓް ހަދާށޭ، ޓެސްޓް ހެދީމަ ބުނީ ކިޑްނީ މައްސަލައައެކޭ،" އަހުމަދު ކިޔައިދިނެވެ.

28 ފަހަރު އިންޑިއާއަށް ފަރުވާއަށް ދިޔަ

ތަފާތު މީހުންގެ އެހީތެރިކަމާއެކު ވަގުތުން އޭނާ އިންޑިއާއަށް ދިޔައެވެ. އިންޑިއާއިން ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ބުނީ އޭނާގެ ދެ ކިޑްނީ ފެއިލްވާން ކައިރިވެފައިވާ ކަމަށެވެ. ދެ ކިޑްނީގެވެސް މަސައްކަތް ކުރަނީ އެންމެ 40 ޕަސެންޓް ކަމަށެވެ.

އަހުމަދާއި އޭނާގެ އަންހެނުން---

"ޑޮކްޓަރު އެންގިގޮތަށް ހެދިން، ކޮންމެ ފަހަރަކު ތިންމަހުން ތިންމަހުން އިންޑިއާއަށް ދިޔައިން، އެކިފަހަރު އެކި މީހުންނަށް ސަލާން ޖަހައިގެން ދިޔައިން،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ އޭނާގެ ކެއުން ބެހެއްޓީ ވެސް އަދި ފަރުވާ ކުރަމުންދިޔައީވެސް ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ. އަށާވީސް ވަނަ ފަހަރު އިންޑިއާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން 2013 ވަނަ އަހަރު އޭނާގެ ދެ ކިޑްނީ ވެސް ވަނީ ފެއިލްވެފައެވެ.

މިއަދު އޭނާ ދުނިޔޭގައި ހުރުމަށް ހަފްތާއަކު ދެ ދުވަހަކު ޑައިލަސިސް ހަދަންޖެހެއެވެ. ޑައިލަސިސް ހެދުމަށް އަހުމަދާއި އޭނާގެ އަންހެނުން މިއަދު މާލޭގައި އުޅުމަށް ވަނީ މަޖުބޫރުވެފަ އެވެ.

"ދަރިފުޅުވީ ރަށުގަ، މާލޭގައި ހުންނަންޖެހެނީ، ތަނެއް ހިފައިގެން ފެން ބިލް ކަރަންޓް ބިލް ދައްކައިގެން، އަޅުގަނޑުގެ ހުރީ އެންމެ ފުރާނައެއް {ދަރިއެއް} އޭނާއަކީ ބަލިކުއްޖެއް، އެކަކަށް ސަލާން ޖަހައިގެން އަނެކަކަށް ސަލާން ޖަހައިގެން އެހެން މިއުޅެނީ،" އަހުމަދު ބުންޏެވެ.

ޑައިލަސިސް އަކީ ވަގުތީ ފަރުވާއެކެވެ. ޑޮކްޓަރުންގެ ލަފާއަކީ ކިޑްނީ ބަދަލުކުރުމެވެ.

އެއް ކިޑްނީގެ އެހީގައި އިންސާނާއަށް ދުނިޔޭގައި އުޅެވޭއިރު ކިޑްނީ ދިނުމަކީ މީހުން ކޮށް އުޅޭކަމެކެވެ. ނަމަވެސް އެކަން ވާނީ ހާއްސަ ގަވައިދެއްގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ. ކިޑްނީ ހަދިޔާކުރާމީހާއާއި ކިޑްނީލަށްވަންޖެހޭ މީހާގެ ކިޑްނީ ދިމާވޭތޯ ޓެސްޓްތަކެއް ހަދަންޖެހެއެވެ.

ކިޑްނީ ލެއްވުމަށް ޑޮކްޓަރުން އަންގާފައިވާ ފަރާތްތަކުން ކިޑްނީ ޑޯނާއެއް ހޯދުމުން ކިޑްނީ ލެއްވުމަށް އާސަންދައިން ހަރަދުދޭނެއެވެ.

އަހުމަދު މިހާރު މަސައްކަތް ކުރަނީ އޭނާއަށް ކިޑްނީއެއް ދޭނެ މީހެއް ހޯދުމުގެ މަސައްކަތެވެ. އެކަމަށާއި ޑައިލަސިސް ހެދުމަށްވެސް ބޮޑު ހޭދައެއް ދާތީ އޭނާގެ އެދުމަކީ ދީލަތިއެހީއެކެވެ.

އަހުމަދަށް އެހީވުމަށް:

ނަމްބަރު: 7740480

އެކައުންޓް ނަމްބަރު:

އާރިފާ އަލީ: ‎7703219429101

ނޯޓް:

ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް