މާލޭގެ އިތުރު ތިން ޒޯނަކުން ކުނި އުކައިދޭން ވެމްކޯއިން ފަށައިފި

މާލޭގެ ޒޯންތައް ބެހިގެންވާ ގޮތް: ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުގައި ހިމެނޭ ހަ ޒޯނުުން ވެމްކޯއިން މިހާރު ކުނި އުކައިދޭނެ

މާލޭގެ އިތުރު ތިން ޒޯނަކުން ކުނި އުކައިދިނުމުގެ ހިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ފަށައިފި އެވެ.

ވެމްކޯ އިން ކަލެކްޝަންސް ސާވިސް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މި އަހަރު ޖޫން މަހުގެ ނިޔަލަށް މާލޭގެ ހުރިހާ ޒޯނަކުން ކުނި އުކައިދޭން ފެށުމަކީ އެ ކުންފުނީގެ ޓާގެޓް ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

މީގެކުރިން ޒޯން އެކެއް، ޒޯން ދޭއް އަދި ޒޯން ތިނަކުން ވަނީ ކުނި އުކައިދޭން ފަށައިފަ އެވެ.

ވެމްކޯއިން ބުނީ މިއަދު ނަންނޯޓު ކުރަން ހުޅުވާލައި ކުނި އުކައިދޭން ފެށީ ޒޯން ހަތަރެއް، ޒޯން ފަހެއް އަދި ޒޯން ހަޔަކުންނެވެ. އެއީ މަޖީދީ މަގުން މާލޭގެ ދެކުނަށް އޮންނަ ސަރަހައްދެވެ. އެހެންކަމުން މިހާރު މާލޭގެ ދެބައިކޮށްފައި އެއްބައިގައި ހުންނަ ގެތަކުން ވެމްކޯއިން ކުނި އުކައިދޭނެ އެވެ.

އެ ހިދުމަތް ލިބޭނީ ހިދުމަތަށް އެދި ރަޖިސްޓާކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓަރީކުރަން ހަދަން ޖެހޭ ގޮތަކީ ވެމްކޯގެ ވެބްސައިޓުން ފޯމް ޑައުންލޯޑްކޮށް އެ ފޯމް ފުރުމަށް ފަހު، ވެމްކޯގެ އޮފީހަށް ހުށަހެޅުމެވެ. ނުވަތަ އެ އިދާރާގެ މެއިލް އަށް މެއިލް ކުރުމެވެ. ވެމްކޯގެ އޮފީސް ހުންނަނީ މާފަންނު ޖަމްބުގަސްދޮށުގެ ތިންވަނަ ފްލޯގަ އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ފުއާދު ވިދާޅުވެފައި ވަނީ ސަރުކާރުން އާންމުކުރާ ގަވާއިދެއްގެ ދަށުން ޖޫން މަހުގެ ފަހުން ސައިކަލު ނުވަތަ ބައިސްކަލުގައި ކުނި އުކާލުން މަނާކުރެވޭނެ ކަމަށެވެ. އޭގެ ބޭނުމަކީ، ބައިސްކަލުތަކުގައި އަދި އެހެނިހެން ގޮތް ގޮތުން އުފުލާ ކުނި މަގުތަކަށް އެޅި މަގުތައް ހަޑިވުން ނިމުމަކަށް ގެނައުން ކަމަށް ފުއާދު ވިދާޅުވި އެވެ.

ވެމްކޯ އިން ކުނި އުކައިދިނުމުގެ ހިދުމަތް ދެނީ މުޅި މާލެ ޖުމްލަ 13 ޒޯނަކަށް ބަހާލައިގެންނެވެ. ކޮންމެ މަހަކު ދެ ޒޯނަށް ރަޖިސްޓަރީ ކުރަން ހުޅުވަމުން ގޮސް ޖޫން މަހުގެ ނިޔަލަށް ހުރިހާ ޒޯނަކަށް ހުޅުވާލާނެ ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

ވެމްކޯ އިން ކުނި އުކައި ދިނުމަށް މަހަކު ގެއަކުން 100 ރުފިޔާ ނަގަ އެވެ.

comment ކޮމެންޓް