އައްޑޫ ކުނިކޮށީގައި އިއްޔެ ރޯވި އަލިފާންގަނޑު މިއަދު ކޮންޓްރޯލްކޮށްފި

އައްޑޫ ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި އެމްއެންޑީއެފް --- ފޮޓޯ/ އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫ ކުނިކޮށި ކައިރި ހުރި ކުނިތަކެއްގައި އިއްޔެ ރޯވި އަލިފާންގަނޑު މިއަދު ކޮންޓްރޯލް ކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ އެންމެ ފުރަތަމަ މި ހާދިސާގެ މައުލޫމާތު ހިތަދޫ ފަޔަ ސްޓޭޝަނަށް ލިބިފައިވަނީ އިއްޔެ ހަވީރު 16:34 ހާއިރު ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެގޮތުން އެސަރަހައްދުގައި ވަޅުގަނޑެއް ކޮނެ ފެން ނަގައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާއިރު، މިއަދު 13:30 ހާއިރު އަލިފާން ކޮންޓްރޯލްކޮށް، އެ ސަރަހައްދު ވަނީ ވެމްކޯއާ ހަވާލުކޮށްފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި އަލިފާން ރޯވި ކުނިތަކުގެ ތެރެއިން އަދިވެސް ދުންއަަރަމުންދާތީ، ވެމްކޯގެ އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކުނިތަކުގެ މައްޗަށް ވެލިއެޅުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހިތަދޫ ފަޔަ ސްޓޭޝަނުގެ ފަޔަމަނުންނާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން ކުރަމުންދިޔަ މަސައްކަތަށް، ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލާއި ގަން އިންޓަނޭޝަނަލް އެއަޕޯޓާއި ވެމްކޯއިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދިނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އެތަނުގައި ކުނިކޮށި ހުންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދިވެސް ކުނިތައް އެތަނަށް ޖަމާކުރާ ކަމަށާއި އެތަނުން ކުނި މަދުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދޭތެރެއަކުން އެތަނުގެ ކުނިތަކުގައި ރޯވާ ކަމަށާއި މިފަހަރު އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބޮޑަށް ފެތުރިގެން ދިޔައީ، މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވެފައި، ކުނިތައް ހިކިފަ ހުރީމަ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

comment ކޮމެންޓް