ކުނި ބިލު އަންނަ މަހުން ފެށިގެން ހިމެނޭނީ ކަރަންޓު ބިލުގައި

ކުނި ވަކިކޮށްގެން ނެރުމަށް އަންގާފައިވާ އެންގުމަށް ރައްޔިތުން ދިން އެއްބާރުލުމަށް ވެމްކޯއިން ވަނީ ޝުކުރުއަދާކޮށްފައި--- ފޮޓޯ/ ވެމްކޯ

މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ ޙިދުމަތްތަކަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފީ، އަންނަ މަހުން ފެށިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ކަރަންޓު ބިލުގައި ހިމަނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ވެމްކޯގެ ޚިދުމަތްތަކުން ނަގާ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމީ ކުނި އުކާލުމުގެ ޚިދުމަތް ލިބިގަންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމުގެ ގޮތުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަޙައްދުގައި ފީ ދައްކަންޖެހޭ ޖުމްލަ 53،690 ގޭބީސީ ހުރި ނަމަވެސް ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބީސީންނެވެ.

ބިލަށް އައި ބަދަލާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުގައި ވެމްކޯގެ ކޭޝްފްލޯ ދަތިވެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ބައެއް އާލާތްތައް އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ބޭނުން ނުކުރެވޭ ހާލަތަށް އާދެއެވެ. މިއާއެކު އެކަން ހައްލުކުރަން ކުރަންޖެހޭ ޚަރަދު އިތުރުވެ، ގަވާއިދުން ކުނި ކަލެކްޓްކޮށް މެނޭޖްކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން މިނިސްޓްރީން ވެމްކޯއާ އެކީ ކުރި މަޝްވަރާތަކަށްފަހު ނިންމީ އެކަމަށް އޮތް ހައްލަކީ ވެމްކޯއިން ދޭ ޚިދުމަތްތަކަށް ކަނޑައަޅާފައިވާ ފީ ބަރާބަރަށް ވެމްކޯއަށް ލިބުން ކަމަށެވެ.

ކުނި އެޅުން މަނާ ސަރަހައްދަކަށް ކުނި އަޅާފައިވަނިކޮށް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ކަރަންޓުު ބިލުގެ ތެރޭގައި ކުނި ނަގާ ހިދުމަތުގެ އަގު ހިމެނި ނަމަވެސް ހިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ބަދަލާ އެކީ ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރިޔަސް މާލޭ ސަރަހައްދުގެ ހުރިހާ ގޭބީސީތަކުން ވެމްކޯއިން ގަވާއިދުން ކުނި ނަގަން ފަށާނެއެވެ. ނަމަވެސް، މި ކުނީގެ ތެރޭގައި ގެތައް ސާފުކޮށް އުކާލާ ބޮޑެތި ކުނި ނުހިމެނޭނެއެވެ.

comment ކޮމެންޓް