އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

އެއަށްފަހު، އަމީރުލް މުއުމިނީން އެކަލޭގެފާނުގެ ބޭފުޅުން އަރިހަށް ގެންނެވިއެވެ. ފެންކަޅިފުޅުވެފައިވާ ލޯފުޅަކުން އެބޭފުޅުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ.

"ބައްޕަގެ ފުރާނަ ތިޔަކުދިންނަށްޓަކައި ޤުރްބާނެވެ. ބައްޕަ މިދަނީ ތިޔަކުދީން ހުސްއަތާ ދޫކޮށްފައެވެ. ނަމަވެސް މާތްﷲއަށް ޝުކުރު ހުއްޓެވެ. ބައްޕަ ތިޔަކުދީން ދޫކޮށްލައިފައި ދާއިރު އެއްވެސް މުސްލިމަކު ނުވަތަ ޒިންމީއަކު ތިޔަކުދީންގެ އަތުން އަތުލަން ދަޢުވާކުރާނެ އެއްވެސް ޙައްޤެއް ތިޔަކުދީންގެ ބޮލުގައި އެޅިފައެއްނޯންނާނެއެވެ. ލޯބިވާ ދަރީންނޭވެ! ތިޔަކުދީންގެ ބައްޕައަށް ދެކަމެއްގެ އިޚްތިޔާރުލިބިފައި އޮތެވެ. އެއް އިޚްތިޔާރަކީ ތިޔަކުދީން ރަނގަޅަށް މުދާވެރިކޮށް މުއްސަނދި ކޮށްދީފައި މިބައްޕަ ނަރަކަޔަށް ދިޔުމެވެ. އަނެއްކަމަކީ ތިޔަކުދީން ހުސްއަތާ ދޫކޮށްލައިފައި މިބައްޕަ ސުވަރުގެ ދިޔުމެވެ. ލޯބިވާ ދަރީންނޭވެ! މިބައްޕަ ޚިޔާރުކުރީ ދެވަނަ ގޮތެވެ. ތިޔަކުދީން ދާށެވެ! އަރަހުށި މާތްﷲ ތިޔަކުދިން އެކަލާނގެ ރައްކައުތެރިކަމުގައި ލައްވައި އަމާންކަން ދެއްވާށިއެވެ!"

އަވަހާރަވުން

ވިހިދުވަހުގެ އާލާސްކަންފުޅަށްފަހު ދެން އައީ ފުރާނަ އެޅުއްވި ކޮންމެ މަޚްލޫޤަކަށްވެސް ނައިސް ނުދާނެ ދުވަހެވެ. އޭރު އަމީރުލްމުއުމިނިން އުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ޢާއިލާއާއެކު ހުންނެވީ ހިމްސުގެ ކައިރީގެ އަވަށެއްކަމުގައިވާ ދީރު ސަމްޢާނުގައެވެ. ހިޖްރައިން އެއްސަތޭކަ އެއްވަނަ އަހަރުގެ ރަޖަބްމަހުގެ ވިހި ނުވަތަ ފަންސަވީސް ވަނަ ދުވަހު އެކަލޭގެފާނުގެ ނޭވާފުޅު ހޮޅިޔަށް އެޅޭގޮތްވާން ފެށުމުން އަރިހުގައި ތިބި މީހުނަށް ވިދާޅުވިއެވެ. އަހަރެން އެކަނި ދޫކޮށްލާށެވެ. އެހެންވިދާޅުވުމުން އެންމެން ތެދުވެގެން ދުރަށް ހިނގައްޖެއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފާޠިމާ ބިންތި ޢަބްދުލްމަލިކާއި، އެކަމަނާގެ ބޭބޭފުޅު މަސްލަމަތު ބުނު ޢަބްދުލްމަލިކާ ދެބީނުން ކޮޓަރިކޮޅުގެ ބޭރުގައި ދޮރުކޮޅު ކައިރީގައި ތިއްބެވިއެވެ. އަމީރުލްމުއުމިނީން ވިދާޅުވާ އަޑުފުޅު އެބޭފުޅުންނަށް އިވިވަޑައިގެންނެވިއެވެ.

"ކިހައި ބަރަކާތްތެރި މޫނުފުޅުތަކެއް ހެއްޔެވެ؟ އާދަމުގެ ދަރިންނެއްވެސް ނޫނެވެ. ޖިންނީންނެއްވެސް ނޫނެވެ."

އެއަށްފަހު އަންނަނިވި އާޔަތް ތަކުރާރުކުރައްވައި ވިދާޅުވަމުން ގެންދަވާ އަޑުފުޅު އިވުނެވެ.

އެއީ އާޙިރަތުގެ (ނިޢުމަތު) ގޮވައްޗެވެ. އެގޮވަތި ތިމަންރަސްކަލާނގެ ލައްވާހުށީ ބިމުގައި ބޮޑާވެގަތުމެއް، އަދި ފަސާދަކުރުމެއް ވިޔަސް ނޭދޭ މީހުންނަށެވެ. އަދި ހެޔޮނިމުން ވަނީ ތަޤްވާވެރީންނަށެވެ."

(އަލްޤަޞަޞު: 83)

ތަކުރާރުކުރައްވައި މިއާޔަތް ވިދާޅުވަމުން ގެންދެވުމަށްފަހު އަޑުފުޅު ހިމޭންވެއްޖެއެވެ. މަސްލަމަތު އޭނާގެ ކޮއްކޯފުޅު ފާޠިމާއަށް ވިދާޅުވިއެވެ. "އަވަހާރަވީއެވެ." އެތެރެޔަށް ވެދެވަޑައިގެން ބައްލަވައިލެއްވިއިރު، އެ ތެދުމަގާއި ހިދާޔަތުގެ އިރު އަބަދަށްޓަކައި ވަނީ އޮއްސިފައެވެ. އަރަހުށި މާތްﷲ އެކަލޭގެފާނަށް ރަޙްމަތްލައްވާށިއެވެ.

އަވަހާރަވީ އިރު ޢުމުރުފުޅާމެދު ޚިލާފުކުރެއެވެ. އެއް ރިވާޔަތެއްގައި ތިރީސް ނުވައަހަރުފުޅެވެ. އަނެއް ރިވާޔަތްތަކެއްގައި ސާޅީސް އަހަރުފުޅެވެ. ވެރިކަންކުރެއްވީ އެންމެ ދެއަހަރާއި، ފަސްމަހާއި، ސާދަ ދުވަހުއެވެ.

އިބްނު ސަޢުދު ރަޙިމަހުﷲ ރިވާކުރައްވާގޮތުގައި ކަށުކަމާކެމީގެ ކަންތައްތަކާ ބެހޭގޮތުން ވަޞިއްޔަތް ކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

  • ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ އެކަލޭގެފާނުގެ ހަށިކޮޅު ނާނިފިއްލެވުން
  • ރަޖާއު ބުނު ޙަޔަވާތު ރަޙިމަހުﷲ ކަފުންކޮޅުލެވުން
  • ފަސްކަފުންކޮޅު ލެވުމާއި، ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ނިޔަފަތިފުޅުތަކަކާއި އިސްތަށިކޮޅުތަކެއް ކަފުންކޮޅުގެ ތެރެއަށްލުން
  • ހުވަނދު (ޙުނޫޠު) ތައްޔާރުކުރާއިރު އަތަރު އެއްނުކުރުން
  • ރަޖާޢު ބުނު ޙަޔަވާތު ރަޙިމަހުﷲ ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވުން
  • މަހާނަފުޅު މުށީން ނުވަތަ އީޓުން ފައްކާނުކުރުން

އަމީރުލްމުއުމިނީން ޢުމަރު ބުނުޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ވަޞިއްޔަތަށް ފިލީންފިއްޔަށް ޢަމަލުކުރެވުނެވެ. އިސްލާމީ އުންމަތުގެ އެފާންކަން ގަދައިރު އޮއްސިފައިވަނީ ސަމްޢާނުގެ ބަނޑުތެރެއަށެވެ. ތަޤްވާވެރިކަމުގެ ނިހާޔަތުގެ ސަބަބުން ފަސްދާނުލެއްވުނު ބިންކޮޅުވެސް އެކަލޭގެފާނުގެ ތަރިކައިން އަގު ދެއްވައިފައި ބައްލަވައިގެންނެވުނީއެވެ. އެބިންކޮޅަކީ ޒިންމީއެއްގެ މިލްކެކެވެ.

ބުރުސޫރަފުޅު

ޢުމަރު ބުނު އަބްދުލްޢަޒީޒަކީ ދޮން ބޭކަލެކެވެ. މޫނުފުޅު ރީތި، ބައްޓަމުގައި ހިތްގައިމުކަމާއި ހައިބަތު ހުރި ބޭކަލެކެވެ. ލޯފުޅު ރީތިވެފައި ތަނަވަހެވެ. ނިތްކުރިފުޅުގައި ލަކުނެއްހުރެއެވެ. ޒުވާން ޢުމުރުފުޅުގެ މީރު ފަރިއްކޮޅާއި އަރާމު ދިރިއުޅުއްވުމުގެ ސަބަބުން ހަށިކޮޅު މޮޓަވެފައި އާރޯކަން ވަރަށް ބޮޑެވެ. ނަމަވެސް ޚަލީފާކަން ލިބިވަޑައިގެންނެވި ފަހުން އުޅުއްވި ކުރަކި ދިރިއުޅުއްވުމާއި އަޅުކަމާއި ސަރުކާރުގެ މަސައްކަތްޕުޅުގައި އަވަދިނެތި އުޅުއްވުމުގެ ސަބަބުން ހަށިކޮޅު ހުރީ ވަރަށް އަނަރޫފަވެފައެވެ. އަތްލައިގެން ނުބެލިއަސް މޭކޮށިފުޅުގެ ކަށިކޮޅުތައް ގުނާލެވޭވަރުވެއެވެ.

އަނބިކަނބަލުންނާއި ބޭފުޅުން

  1. ފާޠިމާ ބިންތި ޢަބްދުލްމަލިކު

އެކަމަނާގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ

  • އިސްޙާޤު، ޔަޢުޤޫބު، މޫސާ މިތިން ބޭފުޅުންނެވެ.
  1. ލަމީސު ބިންތި ޢަލީބުނު ޙާރިޘު

އެކަމަނާގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ

  • ޢަބްދުﷲ، ބަބުރު، އުއްމު އައްމާރު އެވެ.
  1. އުއްމު ޢުޘްމާން ބިންތި ޝުޢައިބު ބުނު ޒަޔާން

އެކަމަނާގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި ބޭފުޅުންނަކީ

  • އިބްރާހިމް ގިނިކަންޏާ އެވެ.
  1. އުންމު ވަލަދެއް

އެކަމަނާއަށް ލިބިވަޑައިގަންނެވި ބޭފުޅުންނަކީ

  • އަބްދުލްމަލިކު، ވަލީދު، ޢާޞިމު، ޔަޒީދު، ޢަބްދުﷲ، ޢަބްދުލްޢަޒީޒު، ޒަޔާން، އަމީނާ، އުއްމު ޢަބްދުﷲ، މި ނުވަ ބޭފުޅުންނެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ ބައެއް ބޭފުޅުންވަނީ ތުއްޕުޅުއިރު އަވަހާރަވެފައެވެ. ތާރީޚުގައި މަޝްހޫރު ވެވަޑައިގެންފައިވަނީ ޢަބްދުލްމަލިކާއި، ޢަބްދުލްޢަޒީޒު އާއި، ޢަބްދުﷲ އެވެ. ޢަބްދުލްމަލިކު އަވަހާރަވީ ޒުވާން ޢުމުރުފުޅުގައެވެ. ބައްޕާފުޅުގެ ޙަޔާތްޕުޅުގައެވެ. އެމަނިކުފާނަކީ ވަރަށް ޢިލްމުވެރި ނުހަނު ތަޤްވާވެރި، އެހައިމެ އަޅުވެރި ބޭފުޅެކެވެ. މިސިލްސިލާގައިވެސް ވަނީ ޢަބްދުލްމަލިކުގެ ވާހަކަ ގެނެވިފައެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްއަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ބޭފުޅުންނަށްޓަކައި ދޫކުރެއްވި ތަރިކައާ ބެހޭގޮތުންވެސް ތަފާތު ރިވާޔަތްތަކެއް އައިސްފައިވެއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އެކަލޭގެފާނުގެ ތަރިކައިގެ ޖުމްލައަގަކީ ސަތާރަ ދީނާރެވެ. ދެވަނަ ރިވާޔަތުގައިވާގޮތުން އެކާވީސް ދީނާރެވެ. ތިންވަނަ ރިވާޔަތުގައިވާގޮތުން ސާދަ ދީނާރުގެ ނަގުދު ފައިސާއާއި، ހަސަތޭކަ ދީނާރުގެ ހަރުމުދަލެވެ. ނަމަވެސް އެންމެ ޞައްޙަކަމުގައި ބެލެވެނީ ސަތާރަދީނާރުގެ ނަގުދާއި ހަރުމުދާ ކަމުގައި ބުނެވޭ ބަހެވެ.

ޚަލްޤުތަކުންގެ ކަރުނައެޅުން

އަމީރުލް މުއުމިނީން ޢުމަރު ބުނު އަބްދުލްޢަޒީޒު ރަހިމަހުﷲ ފުރައުއްތަވުމަކީ މުޅި އިންސާނިއްޔަތުގެ ލޯތަކުން ލޭކަރުނަ އޮހޮރުވައިލި ހިތާމަވެރި ކާރިސާއެކެވެ. ބޯކަށިކެޔޮ ވަލެއްގައި އަލިފާން ރޯވާގޮތަށް އެޚަބަރު ފެތުރިގެން ދިޔުމާއެކު ނޯށުންނުރޯ އެކަކުވެސްނެތެވެ. ޢާއްމުންނާއި، ޚާއްޞުން، ޢާލިމުންނާއި، ޖާހިލުން، މުސްލިމުންނާއި ޣައިރު މުސްލިމުންނަށްވެސް އެކަންވީ ބަޔާންނުކުރެވޭ ފަދަ ބޮޑު ހިތާމަޔަކަށެވެ. އަމީރުލްމުއުމިނީން އަވަހާރަވި ޚަބަރާއިގެން ޤާޞިދަކު ބަޞަރާއަށް ދިޔުމުން ރަށުގެ އެންމެންގެ ލޮލުގެ ކަރުނަ އޮހޮރުނެވެ. ހަސަނުލް ބަޞަރީ ރަޙިމަހުﷲ ބޭއިޚްތިޔާރުގައި ވިދާޅުވިއެވެ. "އޭހުރިހާ ހެޔޮޢަމަލުތަކަކާއި، މާތްޚުލުޤުތަކެއްގެ ވެރިޔާއެވެ!"

އަބްދުލްމަލިކު ބުނު ޢުމައިރު ރަޙިމަހުﷲއަށް އެޚަބަރު ލިބިވަޑައިގެންނެވުމުން ވިދާޅުވިއެވެ.

"އޭ އަމީރުލް މުއުމިނީނެވެ! މާތްﷲ ކަލޭގެފާނަށް މަޣުފިރަތު ދެއްވާށިއެވެ. ކަލޭގެފާނު އަބަދުވެސް ކަލޭގެފާނުގެ ބެއްލެވުންތިރި ކުރެއްވީމުއެވެ. ޢިއްފަތްތެރި ވެވަޑައިގެންނެވީމުއެވެ. ޙައްޤުތަކާމެދު ދީލަތި ވެވަޑައިގެންނެވީމުއެވެ. ބާޠިލާމެދު ބަޚީލުވެ ވަޑައިގެންނެވީމުއެވެ. އެއްވެސް މީހަކަށް ޣީބައެއް ވިދާޅެއްނުވަމުއެވެ. ކޯފާއިސްވާންޖެހޭ ކަންކަމާ ކޯފާ އިސްކުރެއްވީމުއެވެ. ރުހިވަޑައިގަންނަވަންޖެހޭ ކަންކަމާ ރުހިވަޑައިގެންނެވީމުއެވެ."

މުޙައްމަދު ބުނު މަޢުބަދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"އަހަރެން ރޯމުގެ ޤައިޞަރުގެ ދަރުބާރަށް ދިޔުމުން ފެނުނީ ޤައިޞަރު ވަރަށް މޮޅިވެރިގޮތަކަށް ބިންމަތީގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ. އަހަރެން ދެންނެވީމެވެ. ކޮން ޙާލުކޮޅެއްތޯއެވެ؟ ޤައިޞަރު ވިދާޅުވިއެވެ. ކަލޭގެ ޚަބަރެއް ނާހަމު ހެއްޔެވެ. ސާލިޙު ފިރިހެނާ އަވަހާރަވައްޖެއެވެ. އަހަރެން ސުވާލުކުރީމެވެ. އެއީ ކާކުތޯއެވެ. ވިދާޅުވިއެވެ. އެއީ މުސްލިމުންގެ އަމީރު ޢުމަރު ބުނު ޢަބްދުލް ޢަޒީޒެވެ. އެހެން ވިދާޅުވެފައި އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. ޢީސާޢަލައިހިއްސަލާމަށްފަހު އެއްވެސް މީހަކަށް މަރުވެފައިވާ މީހަކު ދިރުވޭނެނަމަ އެމީހަކަށް ވީހީ ޢުމަރު ބުނު ޢަބްދުލް ޢަޒީޒެވެ. ދުނިޔެ އަޅައިފައި ގޭގެ ދޮރުލައްޕައިގެން އަޅުކަމާ މަޝްޣޫލުވި ރާހިބަކާ މެދަކު އަހަރެން އަޖާއިބެއް ނުވަމެވެ. އަހަރެން ޙައިރާންވަނީ ދުނިޔެ އޭގެ ޒީނަތްތެރިކަމާއި، ޗާރާކަމާއި ރީތިކުލަތަކާއެކު އެބޭފުޅެއްގެ ފައިތިލަފުޅުގެ ދަށުގައި ވަނިކޮށް އެދުނިޔޭގައި ކޮޅުފައިން ޖައްސަވައިފައި ރާހިބެއްގެ ދިރިއުޅުން ޚިޔާރުކުރެއްވި އާދަޔާޚިލާފު ޝަޚްޞިއްޔަތާ މެދުގައެވެ."

މުޖާހިދު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ.

"އަހަރެން ދަތުރެއްގެމަތީގައި އުޅެނިކޮށް އަހަންނާ ނިބުޠީއަކާ ބައްދަލުވިއެވެ. އޭނާ ސުވާލުކުރިއެވެ. އުމަރު ބުނު ޢަބްދުލްޢަޒީޒު އަވަހާރަވީއިރު އަރިހުގައި އުޅުނީމުހެއްޔެވެ؟ އަހަރެން އާނއެކޭ ބުނުމުން އޭނާރޯން ފަށައިފިއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ހެޔޮ ދުޢާކުރަމުން ގެންދިޔައެވެ. އަހަރެން ސުވާލުކުރީމެވެ. ކަލޭގެ ޢުމަރު ބުނު ޢަބްދުލް ޢަޒީޒަށްޓަކައި ރޮއި ހެޔޮދުޢާކޮށް ތިޔަހަދަނީ ކީއްވެގެން ހެއްޔެވެ. އެކަލޭގެފާނަކީ މުސްލިމެކެވެ. ކަލެޔަކީ ޣައިރު މުސްލިމަކީމުއެވެ. އޭނާ ޖަވާބުދިނެވެ. " އަހަރެން މިރޮނީ ޢުމަރު ބުނު ޢަބްދުލްޢަޒީޒަށްޓަކައެއް ނޫނެވެ. އަހަރެން މިރޮނީ ބިންމަތީގައި ދިއްލިފައި ހުއްޓައި ނިވުނު ނޫރާ މެދުގައެވެ." (ސީރަތު ޢުމަރު ބުނު ޢަބްދުލްޢަޒީޒު)

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ ޚަލީފާކަމުގައި ވައިއަޅުވާ ޝާޢިރަކަށް ލޯލާރިޔެއްވެސް ނުދެއްވައެވެ. ނަމަވެސް އެކަލޭގެފަނު އަވަހާރަވުމުން އެޒަމާނުގެ ބޮޑެތި ހުރިހާ ޝާޢިރުން ނުހަނު ހިތާމަވެރި އަދި އެހާމެ އަސަރުގަދަ މަރްޘިއްޔާގެ ޅެންތައް ހެދިއެވެ. އޭގެތެރެއިން އެންމެ މަޝްހޫރު މަރްޘިއްޔާތަކެއް ހެއްދެވި ދެ ޝާޢިރުންނަކީ، ފަރުޒުދަޤާއި، މަޙާރީބެވެ.

(ނުނިމޭ)

comment ކޮމެންޓް