މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ސްކްރީންގައި ދައްކަމުން އަންނަ "މަލިކާ"ގެ ހައުސްފުލް ޝޯތަކަށްފަހު އެ ފިލްމުގެ ވަދާއީ ތިން ޝޯ މިރޭ ދައްކަން ފަށާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.
މިރޭ ވަދާއީ ޝޯ ތައް ފެށުމުގެ ކުރިން އޮލިމްޕަހުގައި "މަލިކާ"ގެ ކާމިޔާބު 14 ޝޯ ދައްކާފައިވެއެވެ. ވަދާއީ ތިން ޝޯ ދައްކާނީ މިރެއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރެޔާ ހަމައަށެވެ.
ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ ހުސައިން ނޫރައްދީން (ނޫރު) 'ސަން' އާ ވާހަކަދައްކަމުން ބުނީ، މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ޝޯތައް ދައްކާގޮތަށް ހަމަޖެހިފައިވީ ނަމަވެސް ޝޯތައް މެދު ކަނޑާލަން ޖެހުނީ މިހާރު ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ރޯގާގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ވަދާއީ ޝޯތައް އަވަސް ކުރީ ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޝޯތައް ދެއްކުމުގެ ބޭނުމުގައި ކަމަށެވެ.
"މިހާރު ރާއްޖޭގައި ފެތުރެމުނަދާ ރޯގާގެ ސަބަބުން ގިނައިން މީހުން އެއްތާކަށް އެއްވެ ނޫޅުމަށް އަންގާތީވެ ޝޯތައް އަވަަސް ކުރީ، ކުއްލިއަކަށް ޝޯ ތައް ދެއްކުން ހުއްޓާލައިފި ނަމަ ޓިކެޓް ނަގާފަ ތިބި މީހުންނަށް ވެސް ގެއްލުން ވާނެ،" ނޫރު ބުންޏެވެ.
މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ"ގެ ޝޯތައް ވަނީ ބައެއް ރަށް ރަށުގައިވެސް ދައްކާފައެވެ.
ނޫރު ބުނީ، ފިލްމު އެއްކޮށް ހުއްޓާލީ ނޫންކަމަށާއި، މާލޭގެ ސްކޫލްތަކުގެ ޕީޓީއޭ ތަކަށް ދެއްކުމަށް ހަމަޖެހިފައިވާ ޝޯތައް ހުމާއި ރޯގާގެ ކަންތައް މަޑުޖެހުނީމަ ދައްކަން ފަށާނެ ކަމަށެވެ. އަދި އޮލިމްޕަސް ލިބިއްޖެ ނަމަ "މަލިކާ"ގެ ޝޯތައް އަދިވެސް ދައްކާނެ ކަމަށް އޭނާ ބުންޏެވެ.
"ސްކޫލް ތަކުގެ ޕީޓީއޭ ތަކަށް ބާއްވާ ޝޯތައް ބަލިތައް ފިލައިދިޔައިމަ ދައްކަން ފަށާ ގޮތަށް މިއޮތީ ހަމަޖެހިފަ. ނަމަވެސް އަތޮޅު ތެރޭ ރަށްރަށުގައި ދައްކަން ހަމަޖައްސާފައި ޝޯތައް އެރަށަކުން ހަމަޖެހިފައިވާ ގޮތަށް ދައްކަމުން ގެންދާނެ،" ނޫރު ބުންޏެވެ.
ބިންމާ އިބްރާހީމް ވަހީދުގެ އަސަރުގަދަ ސްކްރީން ޕްލޭއަކަަށް އުފައްދާފައިވާ "މަލިކާ" ގެ ޝޯތައް އަންނަ ހަފްތާ ބަންދުގައިވެސް ބައެއް ރަށްރަށުގައި ދައްކާނެ ކަމަށް ނޫރު ބުންޏެެވެ.
"މަލިކާ" އަކީ އާއިލީ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމުން ވަނީ ފިލްމީ ދާއިރާގައި ތަޖުރިބާ ހުރި ތަރިންގެ ހުނަރު ފެނިގެން ގޮސްފައެވެ.
އޭގެ ތެރޭގައި، މަރިޔަމް ޝަކީލާ ، ނީނާ ސަލީމް، އަލީ އާޒިމް (ދޮން އައްޔަ)، ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ)ގެ އިތުރުން އަހުމަދު އާސިމް ފެންނަ އިރު އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ފިލްމީ ދާއިރާއަށް އަލަށް ނުކުން ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އިސްމާއީލް ޒާހިރެވެ.