'ޕަދްމާވަތީ'ގެ ސެޓުގައި އަލިފާން ރޯކޮށްލައިފި

ޕަދްމާވަތީގެ ސެޓުގައި ރޯކޮށް ގެއްލުން ދީފައި ---

ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު 'ޕަދްމާވަތީ'ގެ ސެޓުގައި އަލިފާން ރޯކޮށް އަނެއްކާ ވެސް ފިލްމުގެ ސެޓަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.

އަލިފާން ރޯކޮށްލާފައި ވަނީ ކޯލާޕޫރު ޑިސްޓްރިކްޓު ކައިރީގައި އޮންނަ މަސައިތާޕަރުގައި ހުރި 'ޕަދްމާވަތީ'ގެ ސެޓެއްގައެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ސެޓުގައި ރޯކޮށްލާފައި ވާއިރު، އެކަމުގައި 20 ވަރަކަށް މީހުންގެ ގްރޫޕަކުން ބައިވެރިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަލިފާން ރޯކޮށްލުމުގެ ސަބަބުން ސެޓު ވަނީ އަނދާ ހުލި ވެފައެވެ. އަދި 50 އެކްޓަރުންގެ ކޮސްޓިއުމް ތައް ވެސް އެކީގައި އަނދާފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނެ އެވެ.

ފުލުހުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް، މިހާތަނަށް މައްސަލަ އާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މިއީ އެ ފިލްމުގެ ސެޓަށް ގެއްލުން ދިން ދެވަނަ ފަހަރެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ޖެއިޕޫރުގައި ހުރި ޕަދްމާވަތީގެ ސެޓަކަށް ގެއްލުންދީ، ބައެއް ސާމާނު ވަނީ ހަލާކު ކޮށްފައެވެ. އަދި ޑައިރެކްޓަރު ބަންސާލީ އަށް ވެސް ވަނީ ހަމަލާ ދީފައެވެ.

ޖެއިޕޫރުގައި ހުރި ސެޓަށް ގެއްލުންދީ ބަންސާލީ އަށް ހަމަލާދީފައި ވަނީ އެ ފިލްމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ރާޖްޕުތު ކަރްނީ ސޭނާ ކިޔާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ޕަދްމާވަތީ އުފެއްދުން ހުއްޓާލުމަށް ގޮވާލައި މުޒާހަރާ ކޮށްފައި ވަނީ އެ ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެއެވެ. އެ ހަމަލާ އަށް ފަހު ފިލްމުގެ ޝޫޓިން ވެސް ވަނީ މެދު ކަނޑާލައިފައެވެ.

ދެވަނަ ފަހަރަށް ފިލްމުގެ ސެޓަށް ހަމަލާދީފައި ވަނީ، އަލުން ޝޫޓިން ފެށިތާ ދިހަ ވަރަކަށް ދުވަސް ފަހުންނެވެ.

ދީޕިކާ ޕަދުކޯން، ރަންވީރު ސިންގ، އަދި ޝާހިދު ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ މެދު ތެރޭގައެވެ.

comment ކޮމެންޓް