މިދިޔަ އަހަރު ފަހުކޮޅު އޮލިމްޕަހުގައި އެޅުވި ކޮމެޑީ ފިލްމު "ބައިވެރިޔާ"ގެ ކާމިޔާބީ އަށްފަހު އެ ފިލްމު ޕްރޮޑިއުސްކުރި ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއީލް ޝަފީގް ޕްރޮޑިއުސްކުރާ ދެވަނަ ފިލްމު "ނޯޓީ 40"ގެ މިލަންދޫގައި ނަގާ މަންޒަރުތައް ނިމި، ބައެއް ތަރިން މާލެ އަތުވެއްޖެއެވެ.
ޝޫޓިން ނިންމާލުމަށްފަހު ށ. މިލަންދޫގައި ހުރެ ފިލްމުގެ ޕްރޮޑަކްޝަން މެނޭޖަރު އަދި އެކްޓަރު އަހުމަދު ސައީދު ބުނީ، މިލަންދޫގައި ނަގަން ހަމަޖެހިފައިވާ ބައިތައް ނިންމައި ބައެއް ތަރިން އެރަށުން ފުރާފައިވާކަމަށެވެ. އެގޮތުން ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެ އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ ސީޒަން އަދި އަލަށް ތައާރަފްވާ އަހުމަދު ޝަރީފް ވެސް އިއްޔެ ވަނީ މާލެ އައިސްފައެވެ. އަދި ފިލްމުގެ އެއް ޕްރޮޑިއުސަރު އަދި ހާއްސަ ފެނިލުމަކުން ފިލްމުން ފެނިގެންދާނެ ތަރި ނިއުމާ އާއި ކުޅަދާނަ އެކްޓަރު މަރިޔަމް އައްޒަ ވެސް ވަނީ ޝޫޓިން ނިންމައި މާލެ އައިސްފައެވެ.

"ނޯޓީ 40" އިން ފެނިގެންދާ ނުޒޫ---
"ނޯޓީ 40"ގެ ކުރޫ މިލަންދުއަށް ފުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ސައީދު ބުނީ، ފިލްމުގެ ޝޫޓިން ދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ ތަރިންގެ ފަރާތުންވެސް އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.
" ވަރަށް ފާހަގަ ކޮށްލަން ހުރިހާ ތަރިންވެސް މި ފިލްމު މޮޅު ފިލްމަކަށް ހަދަން ކޮށްދިން މަަސައްކަތް. ވަރަށް ކުޅަދާނަ، ވަރަށް ބަރާބަރު ތަރިން ތަކަކާ އެކު ފިލްމުގެ 90 ޕަސެންޓް މިރަށުގަ ނަގާ ނިންމާލެވުނީ،" ސައީދު ބުންޏެވެ.
ސައީދު ބުނީ، މި ފިލްމުގައި ކުޑަ ރޯލަކުން ފެނިގެންދާނެ އެއްވެސް ތަރިއެއް ނޫޅެނެ ކަމަށާއި ފިލްމުން ފެނިގެންދާނެ އަންހެން ތަރިންތަކުގެ ހުނަރުން ބެލުންތެރިން ހައިރާންކޮށްލާނެ ކަމަށެވެ.
"މީގަ ފެނިގެންދާ ގުލިސްތާން (ގުލީ) އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ވަރަށް ހުނަރު ވެރި. ދެން މިތިބި އެހެން އަންހެން ތަރިންނަކާ ހަމަ ދޫނުކުރޭ. ވަރަށް ރަނގަޅު އެދެކުދިންގެ މަަސައްކަތް،" ސައީދު ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާ ގުލީ---ސައީދު ބުނީ، ނުޒޫ އަކީ ހުނަރު ދައްކަން އެނގޭ، މޮޅު ފަންނާނެއް ކަމަށާއި ދެން ފެނިގެންދާ ގުލީ އަކީވެސް ކުޅަދާނަ ފަންނާނެއް ކަމަށެވެ. އޭނާ ބުނީ، އެ ދެކުދިންނަށް ވެސް މިދާއިރާއިން އިތުރަށް ކުރިޔަށް ދެވޭނެ ވަރަށް ހުނަރު ލިބިފައި އެބަހުރި ކަަމަށެވެ.
މުޅި ޖުމްލަ ހަ ލަވަ ހިމެނޭ "ނޯޓީ 40"ގެ ޝޫޓިންގެ ބޮޑު ބައި މިލަންދޫގައިި ޝޫޓްކޮށް ނިންމާލި އިރު އެރަށު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ސައީދު ވަނީ ފާހަގަކޮށްފައެވެ.

"ނޯޓީ 40" އިން ފެނިގެންދާ ނިއުމާ---
"މިރަށު ރައްޔިތުން އަޅުގަނޑު މެންނަށް ވަރަށް އެއްބާރުލުންދޭ. ހުރިހާ ކަމެއްގަ ވެސް އެމީހުން އެހީވާނެ. މިފުރުސަތުގައި މިލަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރަން،" ސައީދު ބުންޏެވެ.
މިލަންދޫ ޝޫޓިންއަށް ފަހު ހުރިހާ ތަރިން މާލެ އައިސް ދެން ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ މީގެ ތިންވަރަކަށް މަސް ފަހުންނެވެ. ސައީދު ބުނީ، އެހާ ދިގު މުއްދަތެއް ނަގަނީ މި ފިލްމުގައި ބައެއް ތަރިންނަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނަގަން ޖެހޭ މަންޒަރުތަކެއް ހުރުމުން ކަމަށެވެ.

"ނޯޓީ 40" އިން ފެނިގެންދާ އަޒޫ---
"އެހާ ގިނަ ދުވަސް ނަގާ ސަބަބަކީ ފިލްމުން ބައެއް ތަރީންގެ ކުރީގެ ދެ ޖެނަރޭޝަން ދައްކާނެ. އެހެންވީމަ އެތަރީންނަށް ލުކަށް ވެސް ޖެހޭ ބޮޑެތި ބަދަލުތައް ގެންނަން،" ސައީދު ބުންޏެވެ.

"ނޯޓީ 40" އިން ފެނިގެންދާ އައްޒަ---
އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫއްޕެ ޑައިރެކްޓް ކޮށް މި އަހަރު ރިލީޒް ކުރާނެ އެންމެ ވަރުގަދަ ފިލްމުގެ ގޮތުގައި އުފައްދާ، "ނޯޓީ 40"ގެ މަސައްކަތް އެއްކޮށް ނިމި ބެލުންތެރިންނަށް ފެންނާނީ އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހުއެވެ.