ފޯރިއާ އެކު ކުރިއަށްދާ ފަސްޓްލޭޑީ ބަށި މުބާރާތް ވެސް މެދުކަނޑާލައިފި

"ފަސްޓް ލޭޑީ ބަށި ބޯޅަ ޗެމްޕިއަންޝިޕް 2017"ގެ ދ. އަތޮޅު މުބާރާތުގެ ޗެމްޕިއަން ބަނޑިދޫ -- ސަން ފޮޓޯ

ހަލުވި ކަމާ އެކު ފެތުރެމުންދާ ރޯގާއާ ގުޅިގެން އަތޮޅު ތެރޭގައި ފޯރިއާ އެކު ކުރިއަށްދާ ފަސްޓްލޭޑީ ބަށި މުބާރާތް ވެސް މެދު ކަނޑާލައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އެ މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހަދާފައިވާ ވައިބާ ގުރޫޕްގަ އެވެ.

އެ ގޫރޫޕްގައި ބުނެފައި ވަނީ މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާއާ ގުޅިގެން ގިނަ ބައެއްގެ އެދުމުގެ މަތިން ބަށި މުބާރާތް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މުބާރާތް ފަސް ކުރަނީ ކިހާ ދުވަހަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

ފަސްޓްލޭޑީ ބަށި މުބާރާތް މެދުކަނޑާލަން ނިންމި އިރު އެ މުބަރަތަކީ އަތޮޅު ތެރޭގައި މިވަގުތު ކުރިއަށްދާ އެންމެ ފޯރިގަދަ އެއް މުބާރާތެވެ. އެ މުބާރާތުގައި 17 އަތޮޅަކުން 49 ޓީމު ވާދަ ކުރާ އިރު މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ޓީމުތަކަށް ބޭނުންވާ ބަށި ކުޅޭ ސާމާނު ވެސް ހަވާލުކޮށްފަ އެވެ.

ތިން ބުރަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރަތުގެ ޗެމްޕިއަން ޓީމަކަށް 150،000 ރުފިޔާ ދިނުމަށް ހަަމޖެހިފައިވާ އިރު ދެވަނަ ޓީމަކަށް އެއް ލައްކަ ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް